އެމްޑީޕީ އެތެރޭގެ އިންތިޚާބެއްގައި ވޯޓުލުމުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި 3 ގައުމަކަށް ރީ-ރަޖިސްޓާ އަށް ހުޅުވާލައިފި
އެ ގައުމުތަކުގައި ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޓީ ނިންމާފަވަނީ، 50 މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ކަމަށްވާނަމަ
ޖުނާން އަޙުމަދު 17 މޭ 2026 (އާދީއްތަ)   08:09
އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި، ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި 50 މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ކަމުގަވަނީނަމަ، ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޓީ ނިންމާފަވާތީ އެކަމަށް ފުރުސަތު ހުޅުވާލައިފިކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފޮށިބެހެއްޓުމަށް ނިންމާފައިވަނީ، އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ އަދި މެލޭޝިޔާގެ ކުއަލަލަންޕޫރު ކަމަށެވެ.

އަދި، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ގައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާ ތަން ކަމުގައި ވާނީ މިހާރު އިއުލާންކުރެވިފައިވާ ލިސްޓްގައިވާ ތަން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ވީމާ، ރީ-ރަޖިސްޓްރީވާން އެދޭ މެންބަރުން 22 މެއި 2026 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭކަމުގައި ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއިލް މިދިޔަ އަހަރުގެ ނޮވެންބަރު 23 ގައި އިސްތިއުފާދެއްވުމުންނެވެ.

އޭގެ ފަހުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އައްޔަންކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރަން ޝަރުތުހަމަވާ ތިން ކެންޑިޑޭޓުންގެ ނަން އެ ޕާޓީން ވަނީ މި މަހުގެ 3 ވަނަ ދުވަހު އިއުލާނުކޮށްފައެވެ.

އެ ކެންޑިޑޭޓުންނަކީ:

  • ކެންޑިޑޭޓު ނަންބަރު 1 - ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި)، ގ. ކެނެރީގެ/ މާލެ
  • ކެންޑިޑޭޓް ނަންބަރު 2 - އިބްރާހީމް މުޙައްމަދު (ވާޑު)، ހުދުވިލާގެ/ ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރު 3 - މީކާއީލު އަޙްމަދު ނަސީމް، ގ. ބަރޯސާ/ މާލެ

އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ވެސް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ގާނޫނީ ވަކީލު މުހައްމަދު ނިޝާން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެ ޕާޓީގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހުމާން އެވެ.

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ޗެއާޕާސަން އިންތިހާބު ބާއްވަން އެމްޑީޕީން އިއުލާނު ކޮށްފައިވަނީ ޖޫން 12 ގައެވެ.

ކޮމެންޓް