ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި
ޖުނާން އަޙުމަދު 23 މޭ 2026 (ހޮނިހިރު)   10:27
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށްލާފައި ދިއުމަކީ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫންކަމަށާ، އެހެންނަމަވެސް 2023 ވަނަ އަހަރު އެމްޑީޕީއާ ވާކިވާން ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތީ ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ރަށު އެމްޑީޕީ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ކުރި ސުވާލުގައި ފާހަގަކުރީ 2023 ގައި ނަޝީދު އެމްޑީޕީއާ ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ދެރަވި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ ނަޝީދު އަބަދުވެސް އަޅުގަނޑުމެންނާ އެކު ހުންނަން. އަޅުގަނޑުގެ ސުވާލަކީ 23 ވަނަ އަހަރު މިއޮތީ ކުޑަކުޑަ މިސްޓޭކެއް ހެދިފައި. އެއީކީ މައްސަލައެއް ނޫން. ސިޔާސީ ކަމަކީ އައުމާއި ދިއުމާ. އަޅުގަނޑުމެން މެންބަރުން އެދެނީ ހަމަ އަޅުގަނޑުމެންގެ ކިބައިން ކޮންމެވެސް ވަރަކަށް މާފަށް އެދިލާފަ ހަމަ އަޅުގަނޑުމެންނާއެއްކޮށް ކުރިއަށްދާން."

މި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށާއި، އެމަނިކުފާނުގެ މުޅި ހަޔާތަކީ އެ ޕާޓީ ކަމަށެވެ. އަދި އެމަނިކުފާނަށް ވުރެ ބޮޑަށް އެ ޕާޓީގައި އަނިޔާ ލިބުނު އަދި ގިނަ ދުވަހު މަސައްކަތް ކުރި މީހަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްލަން ބޭނުންފުޅެއް ނުވެއެވެ.

ނަމަވެސް، ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވި ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުންނަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށުމުން، އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ސުވާލު ކުރީމަ އަޅުގަނޑަށް ޖެހޭނީ ޖަވާބުދޭން. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ގޮނޑި ލިބުނީ. އެ އަހަރު ނިމުނުއިރު ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަލުން ހޯއްދެވުމަށް ކުރައްވާ ކެމްޕޭނުގައި ދުވާފަރުގެ މެންބަރުނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެސް ގޯސްތަކެއް ހުރެދާނެ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުން ވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ތިބޭފުޅުން އަޅުގަނޑަށް މައާފަށް އެދެން. ހަމަ އަޅުގަނޑު ވެސް އެދެފިން. އަޅުގަނޑު އެދެފިން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ނަޝީދު ފާހަގައެއް ނުކުރައްވައެވެ. 

އަދި ވިދާޅުވީ އެފަދަ ވާހަކަތައް އާންމުކޮށް ބޮޑެތި މަޖިލިސް ތަކުގައި ދައްކަވަން ބޭނުން ނުވާ ކަމަށާއި "ކޮނުނު ވަރަކަށް ފަސް ގިނަވާނެ" ކަމަށެވެ. 

އެމްޑީޕީގެ ހަރަކާތް 2003 ވަނަ އަހަރު ރާއްޖޭން ބޭރުގައި ފެށުމުގައިވެސް އަދި އޭގެ ފަހުން 2005 ވަނަ އަހަރު ރާއްޖޭގައި އެ ޕާޓީ ރަޖިސްޓްރީ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުއްވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސް ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް 21 ޖޫން 2023 ގަ އެވެ. އޭރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ އެވެ. އެމަނިކުފާނު ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ 13 ޖުލައި 2023 ގައެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 23 ޖޫން 2025 ގައެވެ.

ކޮމެންޓް