މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް.-- ފޮޓޯ: ސޯޝަލްމީޑިއާ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މީކާއީލް
ޖުނާން އަޙުމަދު 17 މޭ 2026 (އާދީއްތަ)   19:27
މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒް ހޮވިއްޖެ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ޕާޓީގެ ހަތަރު ކައުންސިލަރަކު ވާދަ ކުރެއްވިއެވެ. އެމްޑީޕީ ކައުންސިލަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މީކާއީލަށް 7 ވޯޓު ލިބުނެވެ. އޭނާއާ ވާދަކުރީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. ޒާޔާއަށް 5 ވޯޓު ލިބުނެވެ. މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާނަށް 2 ވޯޓު، އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ އަށްވެސް ލިބުނީ 2 ވޯޓެވެ. 

މީކާއީލް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމްޑީޕީން ވަނީ، އޭނާއަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ. އޭގެފަހުން ބޭއްވި ސިޓީ ކައުންސިލްގެ އާ ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް މީކާއީލްގެ ނަން ހުށަހަޅައި ތާއީދު ލިބުމުން އިތުރު ނަމެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ވާދަވެރިކަމެއް، ވޯޓު ނެގުމެއްނެތި މީކާއީލް ވަނީ އެމަގާމަށް ހޮވިފައެވެ. 

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 18 ކައުންސިލަރުން ތިއްބަވައެވެ. އޭގެ ތެރެއިން މޭޔަރާއެކު 15 ބޭފުޅުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. ބާކީ ތިއްބެވި ދެ ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުންނެވެ.

އެޕްރީލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު މެންބަރުން ވަނީ މިއަދު ހެނދުނު މަގާމުގެ ހުވާ ކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ހޮވުނު މެންބަރުންވެސް ވަނީ މަގާމުގެ އިގްރާރުގައި ސޮއިކުރައްވައިފައެވެ.

ކޮމެންޓް