މާލޭސިޓީގެ ޑަބްލިޔުޑީސީ ހުވައިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ސިޓީކައުންސިލް
ޑަބްލިއުޑީސީ ރައީސުންގެ މުސާރަ މުރާޖައާކޮށްފި
ޑަބްލިއުޑީސީ ރައީސުންގެ މުސާރަ ސިޓީތަކުގައި، މަހަކު 20،000ރ. ރަށްރަށުގައި މަހަކު 15،000ރ.
މަރްޔަމް މުޙައްމަދު 22 މޭ 2026 (ހުކުރު)   16:50
ސިޓީތަކާއި ރަށްރަށުގެ ޑަބްލިއުޑީސީ (އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ) ގެ ރައީސުންގެ މުސާރަ ޕޭ ކޮމިޝަނުން މުރާޖައާކޮށްފިއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް ސިޓީތަކުގައި، މުސާރައިގެ ގޮތުގައި މަހަކު 7،000ރ. ކުރިން ލިބޭއިރު، ނައިބު ރައީސުންނަށް 6،000ރ. އަދި މެމްބަރުންނަށް 5،000ރ. އޭރު ލިބެއެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،000ރ. އަދި މެމްބަރުންނަށް 4،000ރ. ކުރިން ލިބެއެވެ.

ނަމަވެސް އަންހެނުންގެ ކޮމެޓީގެ ރައީސުން ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާއެކު، އެކަމަށް ކުރިންލިބުނު މުސާރައަކީ ކުޑައެއްޗެއް ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ މުސާރަތައް އަލުން ރިވިއު ކުރުމަށްފަހު ހުސްވި ހަފްތާ މިވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން، ޕޭކޮމިޝަނުން ބުނީ، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 20،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 15،000ރ. ދިނުމަށް ނިންމާފައިވާ ކަމަށާ، އަދި އެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައިގެ ތެރެއިން، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000ރ. އަށް ބޮޑު ކޮށް، ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ ވެސް 6،000ރ. އަށް ބޮޑުކޮށްފައި ވާނެ ކަމަށެވެ.

އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 5000ރ އިން 6000ރއަށް ބޮޑުކުރުމުގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 4000ރ އިން 5000ރ އަށް ބޮޑުކޮށްފައިވާ ކަމަށް ވެސް ޕޭ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް، އިންތިހާބު ކުރަނީ 5 އަހަރުގެ ދައުރަކަށެވެ. އަދި އެ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަނީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން އަންހެނުންގެ ކުރިއެރުވުމަށް މުުޖުތަމައުގައި އެދެވޭ މަސައްކަތްތަކެއް ކުރުމަށެވެ.

ކޮމެންޓް