
ކަސްޓަމްސް އިން ބުނީ، މާލޭ ވިޔަފާރި ބަނދަރުން އެތަކެތި އަތުލައިގެންފައިވާއިރު، ޖުމްލަ 2.3 މިލިއަން ސިނގިރޭޓު ސްޓިކްސް އަތުލައިގަތް ކަމަށެވެ.
ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށާ، އެ ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ، ކަނޑުމަގުން ރާއްޖެއައި ޝިޕްމަންޓެއްގައި ފޮރުވައިގެން ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެކަމާ ގުޅޭ ބައެއް މައުލޫމާތު ކަސްޓަމަސްއިން މިއަދު ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
އަދި މި މައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށާ، މިތަކެތީގެ ޑިއުޓީގެ ގޮތުގައި 18.7 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާ، އަދި މިކަމާގުޅިގެން ޖޫރިމަނާގެ ގޮތުގައި، 2.05 މިލިއަން ރުފިޔާ އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ ސިނގިރޭޓް ކޮންޓެއިނަރުތަކެއް މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގަނެ ނައްތާލާފައި ކަން ފާހަގަކޮށްލެވެއެވެ.
އަދި ވަގަށް އެތެރެކޮށްގެން ކަސްޓަމްސްއިން ހިފަހައްޓާފައިވާ ސިނގިރޭޓު ޝިޕްމެންޓްތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުއްޓާ ވެސް ވަގަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.




