މަރުވި ޑައިވަރުން ނެގުމުގައި އުޅުނު ފިންލެންޑުގެ ތަޖުރިބާރު ޑައިވަރެއް.-- ފޮޓޯ: ޑޭން ޔޫރަޕް
ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަށް ބޭނުންވާނެ ހެކިތައް ފުލުހުންނާ ހަވާލުކޮށްފި
ހަސަން އިބްރާހީމް 22 މޭ 2026 (ހުކުރު)   19:21
އެޕްރީލް 14 ވަނަ ދުވަހު ވ.އަތޮޅު "ދެވަނަ ކަނޑު" ސަރަހައްދުގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅަ އަކަށް ޑައިވިން އަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަށް ބޭނުންވާނެ ހެކިތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ބުނެފިއެވެ.

މި ހާދިސާ ހިނގި ދުވަހު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ ޑައިވިން އިންސްޓްރަކްޓަރެކެވެ. އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 ވަރަކަށް މީޓަރު އަޑިން ހޮހަޅައިގެ ތެރެއިންނެވެ.

ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުންގެ ތެރޭގައި ހިމެނުނީ އެއް ފިރިހެނަކާއި ތިން އަންހެނުންނެވެ.

މި ހާދިސާގައި މަރުވި މީހުން:

  1. މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
  2. ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް
  3. މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
  4. ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
  5. ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

ހޮހަޅައިގެ އެންމެ އެތެރެއިން އެ ހަތަރު މީހުންގެ ހަށިގަނޑު ނެގީ، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. އެމީހުންނާއެކު، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ވެސް މުޅި މަސައްކަތުގައި ބައިވެރިވެއެވެ.

ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ޑޭން އިން ބުނެފައިވެ އެވެ.

ގެއްލުނު ޑައިވަރުން ހޯދަން ތިން ގަޑިއިރުގެ ޑައިވްއެއް ރިކަވަރީ މިޝަންގައި ހިމެނޭ ފިންލެންޑުގެ ތަޖުރިބާރު ތިން ޑައިވަރުން ކުރި އެވެ. އެ ހަތަރު ޑައިވަރުން ވެސް ލޮކޭޓް ކުރެވުނީ އެ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން ކަހަލަ ގޮތަކަށެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ޑޭން ޔޫރަޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ކަނޑަށް އިއްޔެ އެންމެ ފަހު ޑައިވް ކޮށްފައިވާ ކަމަށާއި އެއީ އެތަނުން ބޭނުންވާ ހެކިތައް ހޯދައި، އެތަން ސާފު ކުރުމަށް ކުރި ޑައިވެއް ކަމަށެވެ.

ކުރިން ދުވަސްތަކާއި އަޅާބަލާއިރު، އިއްޔެގެ ޑައިވްގައި މޫސުމާއި ކަނޑު އެހާ ރަނގަޅު ނޫން ކަމަށާއި މުޅި ޑައިވަށް 3 ގަޑިއިރު ހޭދަވިއިރު، ހޮހޮޅަ ތެރޭގައި 50 މިނެޓު ހޭދަވި ކަމަށް ޑޭން އިން ވަނީ ބުނެފައެވެ.

މި ޑައިވްގެ ތެރެއިން ފެނުނު ހުރިހާ އެއްޗެއް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެހީވެދޭނެތީ އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޑޭން އިން ވަނީ ބުނެފައެވެ.

ޑޭން އިން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އިދާރާތަކުން ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް