
ޑޭން ޔޫރަޕް އިން މި ބަޔާން މިއަދު ނެރުނީ ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކާ ގުޅިގެންނެވެ.
"ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެއް ހަފުތާގެ މަސައްކަތްތަކަށްފަހު ތައްޔާރުކޮށްފައިވާ މި ބަޔާނަކީ، ހޯދުމާއި ހަށިތައް ނެގުމުގެ މިޝަނާއި އެ ސަރަހައްދުގެ ހޮހަޅައިގެ މާހައުލާ ގުޅޭ އިބްތިދާއީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ނެރޭ ބަޔާނެކެވެ. މި ހާދިސާ މެދުވެރިވި ސަބަބާއި ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުން ދޫކޮށްލާފައިވަނީ ތަހުގީގީ އިދާރާތަކަށެވެ." އެ ބަޔާން ފަށަމުން ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މެއި 18 އިން 21 އަށް ހަތަރު ދުވަހުގެ ސާޗް އެންޑް ރިކަވަރީ މިޝަން ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް، ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) ޔޫރަޕް، ނަކަތް ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑްގެ ޓެކްނިކަލް ޑައިވިން ޓީމް އަދި އިޓަލީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިގެންނެވެ.
ޑައިވަރުން ހޮހަޅަ ތެރެއަށް ވަންނަނީ.- ފޮޓޯ: ޑޭން ޔޫރަޕް
ފުރަތަމަ ދުވަހު ޑައިވިން ޓީމުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރީ ހޮހޮޅައިގެ ތެރެ ބަލައި ފާސްކުރުމަށާއި ގެއްލުނު ޑައިވަރުން ތިބި ތަން ދެނެގަތުމަށް ކަމަށް ބުނެފައި ވެއެވެ. ދެވަނަ އަދި ތިންވަނަ ދުވަހު، މާހައުލުގެ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ނުހަނު އުނދަގޫ ހާލަތްތަކެއްގެ ތެރެއިން، ހޮހަޅައިގެ ތެރެއިން ހަށިތައް ނެގުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލި ކަމަށާއި، ހަތަރުވަނަ ދުވަހު، ހޮހޮޅައިގެ ތެރެއިން ހުރިހާ ސާމާނެއް ނަގައި ކަމާބެހޭ އިދާރާތަކާ ހަވާލުކުރިކަން ފާހަގަކޮށްފައިވެއެވެ.
އެ ހޮހަޅަތައް އޮންނަ ގޮތުގެ ކުރެހުމެއް.--
ހޮހޮޅައިގެ މާހައުލު ސިފަކޮށް ބަޔާނުގައި ބުނެފައިވާ ގޮތުގައި ހޮހޮޅައިގެ ތެރެއަށް ވަންނައިރު ފުރަތަމަ އޮންނަނީ ބޮޑު ހޮހޮޅައެއް ނުވަތަ ޗެމްބަރެކެވެ. އެ ބައިން ފެށިގެން ހަނި މަގަކުން (ޓަނަލް) ގޮސް ވަދެވެނީ ބޮޑު ދެވަނަ ޗެމްބަރަކަށެވެ. ދެވަނަ ޗެމްބަރުގައި ގުދުރަތީ އެއްވެސް އަލިކަމެއް ނުލިބޭ މި ޗެމްބަރުގެ އަޑީގައި ވެލި ހުރުމުގެ ސަބަބުން ވެލި ހިލިއްޖެ ނަމަ ވިޒިބިލިޓީ ވަރަށް ބޮޑަށް ދަށްވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ހޯދުމަކީ، ދެވަނަ ޗެމްބަރުގެ ތެރެއިން ވަންނަ ޓަނަލް ކައިރީ އެއް ފަރާތުން އިތުރު ޓަނަލެއް ފެނުނު ކަމެވެ. ގެއްލުނު ހަތަރު ޑައިވަރުންވެސް ފެނުނީ އެ ޓަނަލުގެ ތެރެއިން، އެއް ސަރަހައްދަކުންނެވެ.
ޑައިވަރެއް ދެވަނަ ޗެމްބަރު ތެރޭގައި.-- ފޮޓޯ: ޑޭން ޔޫރަޕް
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑައިވަރުންނަށް ބޭރަށް ނުކުންނާނެ މަގު އޮޅުނީ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި އެއީ ހޮހަޅައިގެ ތެރޭގައި މިސްރާބު އޮޅުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ލަފާކުރެވޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
"މި ހާދިސާ މެދުވެރިވި ސަބަބުތަކާއި ހާލަތްތަކާ ގުޅޭ އިތުރު ކަންތައްތައް ކަނޑައަޅާނީ ފުލުހުންނާއި ކަމާބެހޭ ތަހުގީގީ އިދާރާތަކުންނެވެ. ވީމާ، މި ހާދިސާގައި ނިޔާވި ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، ކަށަވަރުނުކުރެވޭ މައުލޫމާތާއި ހީތަކަށް ބިނާކޮށް ވާހަކަ ނުފެތުރުމަށް އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ޑައިވަރަކު ހޮހަޅަތަކުގެ ތެރޭގައި ފީނަނީ.-- ފޮޓޯ: ޑޭން ޔޫރަޕް
ސަލާމަތީ އިރުޝާދާއެކު ޑޭން އިން ބުނެފައިވަނީ، ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއި، ހޮހަޅައަށް ފީނުމުގެ ހާއްސަ ތަމްރީނާއި، އެކަށީގެންވާ ފަންނީ އާލާތްތައް ނެތި މި ހޮހަޅަތަކަށް ވަނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
"ހޮހަޅައަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވީހިނދު، މިއީ ހަމައެކަނި މަތީ ފެންވަރުގެ ތަމްރީނު ލިބިފައިވާ، ފުރިހަމަ އާލާތްތަކާއެކު ތިބޭ ފީނުންތެރިން ކުރަންޖެހޭ ކަމެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ހޮހަޅަތަކުގެ ދެވަނަ ޗެމްބަރުގައި ވެލިގަނޑު ހިމެނޭ ސަރަހައްދު.-- ފޮޓޯ: ޑޭން ޔޫރަޕް
ޑޭން ޔޫރަޕްގެ ބަޔާން ނިންމަމުން ބުނެފައިވަނީ، މި މިޝަން ނިންމާލަނީ މި ހިތާމަވެރި ހާދިސާގައި ވަކިވެދިޔަ ހަ ފަރާތެއްގެ ހަނދާނުގައެވެ. އެއީ އިޓަލީގެ ފަސް ފީނުންތެރިންނާއި، ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި ނިޔާވި ދިވެހި ސިފައިންގެ އޮފިސަރެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ޑައިވިންއާ ގުޅޭ އެންމެ ހިތާމަވެރި ހާދިސާ އެވެ. ހާދިސާ ހިނގި ދުވަހު، ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކަކު ފެނުނީ އެ ދުވަހު އެމީހުން ހޯދަން ޑައިވިން ކުރި މީހުންނަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ހޮހަޅަ ކައިރީގައެވެ.




