
ހައުސިންގް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 'ވެޓް މާކެޓް ކޮމްޕްލެކްސް' ތަރައްގީކުރަން ބޭނުންވާ ބިން ހޯދުމަށް މިދިޔަ މާރިޗު މަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ވަނީ ސިޓީ ފޮނުވާފައެވެ. މި މަޝްރޫއުގެ ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު އަމަލީ މަސައްކަތަށް ތައްޔާރުވެފައިވީ ނަމަވެސް، ކައުންސިލުން ބިން ހަވާލު ނުކުރުމުގެ ސަބަބުން މަސައްކަތް ވަނީ ހުއްޓިފައެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނަށް ރައްދު ދެއްވަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރު ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ބިން ދެ ކުންފުންޏަކަށް ދީފައިވާ ކަމަށެވެ.
"ބިން ދެވޭތަ؟ ކުރީގެ މޭޔަރުގެ މޭޔަރުކަމުގައި އެ ބިން އޮތީ ދެ ކުންފުޏްނަކަށް ދީފައި. އެއް ބަޔަކަށް އެގްރީމެންޓް ކުރެވިފައި އަދި ކުރެހުން ވެސް ފާސްކޮށްފައި. އެކަމު އެހެން ބަޔަކަށް ވެސް ދީފައި،" ސިޓީ ކައުންސިލްގެ އިންޓާނަލް އޮޑިޓް ރިޕޯޓެއް ހިއްސާކުރައްވައި ޝަތުފާ އެކްސްގައި ލިއުއްވާފައި ވެއެވެ.
އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މާލޭ މާރުކޭޓު އެޅުމަށް އެ ބިން ވަނީ އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާއި ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީ ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ ގޮތުން:
މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މައްސަލަ ތިލަކުރައްވައި ވާހަކަ ދައްކަވާފައެވެ.
އޮޑިޓްގެ އިތުރު ހޯދުންތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
މާރުކޭޓުގެ މަސައްކަތް ދެ ފަހަރު ދެ ކުންފުންޏަކާ ހަވާލުކުރިއިރު، ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީއެންސީގައެވެ. އަދި، ވެރިކަމާ ހަވާލުވެވަޑައިގަންނަވަން އިސްތިއުފާދެއްވަންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ މާލޭ މޭޔަރުކަމުގައެވެ. މިހާރުގެ ކައުންސިލް މި ހަފުތާގައި ހުވާކުރުމާ ހަމައަށް މެޖޯރިޓީ އޮތީ ޕީއެންސީގައެވެ.
އެހެން ދެ ބަޔަކަށް ދޫކޮށްފައިވާ ބިމެއް، ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގައި ގާނޫނީ ހުރަސްތަކެއް ހުރިކަން ސިޓީ ކައުންސިލުން ކުރިންވެސް ފާހަގަ ކުރިއެވެ.
މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މުއިއްޒުގެ މޭޔަރުކަމުގައި މާރުކޭޓު އިމާރާތް އެޅުމަށް މިލިޔަން ޑޮލަރުގެ ދެ އެއްބަސްވުން ހަދާފައިވެއެވެ. ފުރަތަމަ އެއްބަސްވުން 6.1 މިލިޔަން ޑޮލަރަށް ހަދާފައި އޮތް އިރު، އެ އެއްބަސްވުން ބާތިލު ނުކޮށް، ފަހުން ހެދި އެއްބަސްވުން ހަދާފައިވަނީ 9.6 މިލިޔަން ޑޮލަރަށެވެ. އަދި އެ އެއްބަސްވުން ހަދާފައިވަނީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ. މި ދެވަނަ އެއްބަސްވުމަކީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ވެސް މޭޔަރު ވިދާޅުވެފައި ވެއެވެ. މޭޔަރު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައިވާ ގޮތުން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެ ބިން އޮތީ ކޮންޓްރެކްޓަރަށް ލިބޭ ގޮތަށެވެ.
މި މައްސަލަ ހައްލުކުރަން ކައުންސިލްގެ ބައްދަލުވުންތައް ބާއްވަން އޭރު ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް، ޕީއެންސީ ކައުންސިލް މެންބަރުން ހާޒިރު ނުވާތީ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.




