މާލެ ސިޓީ މޭޔަރު އާދަމް އާޒިމް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކުއްލިއަކަށް ކަރަންޓު ކެނޑުމުން މޭޔަރުގެ ކަންބޮޑުވުން
ކަރަންޓު ކެނޑުމާއެކު ބައެއް ގޭބިސީތަކުން ފެނުގެ ހިދުމަތްވެސް ކެނޑޭ!
މަރްޔަމް މުޙައްމަދު 23 މޭ 2026 (ހޮނިހިރު)   15:53
މާލެއާއި ހުޅުމާލެއިން މިއަދު ކުއްލި ގޮތަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އާންމު ރައްޔިތުންނަށް، ކުރިމަތިވި ބޮޑެތި ދަތިތަކާ މެދު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މުޅި މާލެ ސަރަހައްދުން އެއްފަހަރާ ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންވެ، ގިނަ ބަޔަކަށް އެ ކަމުގެ ދަތިތަކާ ކުރިމަތިވިއެވެ.

މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ.

"މި ދެ އަވަށުގައި ދިރިއުޅުއްވާ ރައްޔިތުންގެ ޢާއްމު ދިރި އުޅުމަށް ވަނީ، ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފަ. މި ގޮތަށް ކުއްލިއަކަށް ކަރަންޓް ކެނޑުމުން، މި ދެ އަވަށުގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންގެ ތެރެއިން، ދުވަސްވީ ބޭފުޅުންނާއި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތައް، އުސްޢިމާރާތްތަކުން އަރައި ފޭބޭނެ އެއްވެސް ގޮތެއް ނެތި، ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން ހިތާމާއާއެކު ފާހަގަކުރަން،" މޭޔަރު ވިދާޅުވެފައި ވެއެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއް އެއާ ގުޅިފައިވާ ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމުވުމަކީ ނުހަނު ބޮޑަށް ދެރަވާ އަދި ކަންބޮޑުވާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިޔަށް އޮތްތާނގައި ވެސް، މި ފަދަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް، ދައުލަތުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު އިލްތިމާސް ކުރަން." ސްޓެލްކޯ ޓެގް ކުރައްވައި މޭޔަރު ވިދާޅުވެފައި ވެއެވެ.

މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނި ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ބައެއް ގޭބިސީތަކަށް ފެން ލިބުމުގައިވެސް ދަތިތަކެއް ދިމާވިއެވެ. އެކަން ވަނީ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ފާހަގަ ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެފައި ވާގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރުތަކުން ކަރަންޓް ކެނޑުމުން ލިފްޓާއި ފެނުގެ ހިދުމަތްވެސް މެދުކެނޑިގެންދެއެވެ.

"ފެނަކީ އަސާސީ ހިދުމަތަކަށްވާއިރު ކަރަންޓް ކެނޑޭ ކޮންމެފަހަރަކު ފެންނުލިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދެއްވުމަށް އަދުގެ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަން." ޒާޔާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، މާލެއާއި ހުޅުމާލޭގެ އިންޖީނުތައް ހިންގައި، އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފެށި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމުގެ ކުރިން މިއަދު ހެނދުނުގެ ވަގުތެއްގައި ސްޓެލްކޯއިން ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ، އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ކާމިޔާބުކަމާ އެކު ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ. އަދި، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށް ފަހު ދުރާލާ ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ މިއަދު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެ އަޕްގްރޭޑާ ގުޅިގެން ދިމާވި މައްސަލައަކުން ކަމަށެވެ.

މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކާއެކު ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅޭ، އަދި ވިޔަފާރިއާއި އިގުތިސާދީ މައި ހަބަށްވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތްތައް ހުއްޓި، އޮފީސްތަކުގެ މަސައްކަތްތަކަށް ވެސް ބުރޫއަރައެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވެއެވެ.

އެގޮތުން، މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ދިޔަ ހާދިސާއެއް ހިނގާފައިވާއިރު، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު އެންގެވިއެވެ.

ކޮމެންޓް