
ރާޝިދާ ޔޫސުފަކީ ފުރަތަމަ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. މިނިސްޓަރުކަމުގެ މަގާމު ފުރުއްވަން ފެއްޓެވީ 1993 ވަނަ އަހަރުން ފެށިގެންނެވެ. ގާތްގަޑަކަށް 9 އަހަރު ކެބިނެޓުގައި މަސައްކަތްކުރެއްވިއިރު ރާޝިދާ އެންމެ ފުރަތަމަ އަދާކުރެއްވީ މިނިސްޓަރ އޮފް ޔޫތު ވިމެންސް އެފެއަރޒް އެންޑް ސްޕޯޓްސް ކަމެވެ. އޭގެ ފަހުން މިނިސްޓަރ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ވެލްފެއަރ ކަމެވެ.
ރާޝިދާ، މުސާރައާ ގުޅޭގޮތުން ވާހަކަ ދެއްކެވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ މުސާރަ ނޭޝަނަލް ޕޭ ކޮމިޝަނުން ބޮޑުކުރުމާ ގުޅިގެން އުފެދުނު ބަހުސްގެ ތެރޭގައެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41,000ރ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 21,000ރ. ދިނުމަށް ފާއިތުވި ހަފުތާގައި ނިންމުމަށް ފަހު މިހާރު ވަނީ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ ޑަބްލިޔުޑީސީތަކުގެ ރައީސުންނަށް 15،000ރ. އަށް ކުޑަކޮށްފަ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތްތަކެއް ކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.
އެއީ އިންސާނުންގެ ފުރާނައާ ސީދާ ގުޅިފައިވާ، ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ ދާއިރާ ކަމަށާއި އެފަދަ މުހިންމު ހިދުމަތްތަކެއް ދޭ ފަރާތްތަކަށް ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.
"މީގެ ތެރެއިން ވެސް ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅަންޖެހިފައިވާ ބައެއް. މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު (ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި) މި ގައުމުގައި ތިބެގެން ނުވާނެ،" ރާޝިދާ ލިޔުއްވާފައި ވެއެވެ.
ޑަބްލިއުޑީސީ ރައީސުންގެ މުސާރަ ފުރަތަމަ ހަމަޖެއްސި ގޮތުން، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އަދި އެއީ އެކި ދާއިރާތަކުން އުނގެނި، ތަމްރީނު ލިބިގެން ހިދުމަތްކުރާ ފަރާތްތަކަށް ކުރާ މަލާމާތެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރިއެވެ.




