އެމްޑީޕީ އެތެރޭގެ އިންތިހާބެއްގައި މެންބަރަކު ވޯޓު ދެނީ.--
އެމްޑީޕީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ހަސަން އިބްރާހީމް 24 މޭ 2026 (އާދީއްތަ)   23:51
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވޯޓާސް ލިސްޓަށް ކުރިން ހުށަހަޅާފައިވާ ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން ގެނެވުނު ބަދަލުތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 27 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް މި ފުރުސަތުގައި ބަލައިގަންނާނީ ހަމައެކަނި ކުރިން ހުށަހެޅުނު ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން ގެނެވުނު ބަދަލުތަކާ ގުޅޭ ޝަކުވާތައް އެކަނި ކަމަށާއި، އާ ޝަކުވާތައް މި ފުރުސަތުގައި ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން ވަނީ ހާއްސަ ގޫގުލް ފޯމެއް ކަނޑައަޅައި، އެ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

ކުރިއަށް އޮތް ޖޫން 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 3 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ؛

  • ކެންޑިޑޭޓު ނަންބަރު 1 - މުޙައްމަދު ނަޝީދު (އަންނި)، ގ.ކެނެރީގެ/މާލެ
  • ކެންޑިޑޭޓް ނަންބަރު 2 - އިބްރާހީމް މުޙައްމަދު (ވާޑު)، ހުދުވިލާގެ/ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރު 3 - މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.

ކޮމެންޓް