ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށްދިޔުމަކީ މާފަށް އެދެން ޖެހޭ ކަމަށް ބުނެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ރ. ދުވާފަރުގައި ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު އެކަމަށްޓަކައި އާންމު މެންބަރުންގެ އަރިހުން މާފަށް އެދިވަޑައިގެންފަ އެވެ. އަދި، ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނު އަރިހުން މާފަށް އެދެން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެކަން ވިދާޅުވެފައެއް ނުވެއެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާތީ، ހއ.ކެލާއަށް މީކާއިލް މިއަދު ވަޑައިގަތުމުން އެ ރަށުގެ އެމްޑީޕީގެ އާންމު މެންބަރަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ.
މީކާއިލް ވިދާޅުވީ ރައީސް ނަޝީދު ނުވަތަ އެހެން މީހެއްގެ ފަރާތުން ވެސް އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ބޭފުޅުން އެ ބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން ކަމަށެވެ.
"ވަރަށް ގިނަ އަހަރުގެ ވަރަށް ބޮޑެތި ގުރުބާނީތަކަށް ފަހު އެ ބޭފުޅުން އެ ބޭފުޅުންނަށްވީ. ރައީސް ކަމަށް ގެނައީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، ރައީސް ނަޝީދު ވެސް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް. އެހެންވީމަ އެ ބޭފުޅުންގެ އެ ގުރުބާނީތަކަށް ފަހު އެ ބޭފުޅުންނަށް އެ މަގާމުތަކާއި ދާއިމަށް އެ ލިބޭ އިނާޔަތާއި ޝަރަފާ ދެން ވެސް އެ އޮތް އެއްޗެއް އެ ލިބެނީ އާންމު މެންބަރުންނާ ހެދި،" މީކާއިލް ވިދާޅުވި އެވެ.
ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އާންމު މެންބަރުންގެ ގުރުބާނީތަކާއި އެމީހުންގެ މަސައްކަތަށް ބެލުމެއް ނެތި، ސިޔާސީ މަންފާއަށް އެ މެންބަރުން މަގުމަތިކޮށްލުމަށް ފަހު ނަޝީދު ވަޑައިގެންނެވީ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ދުވާފަރުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެސް ގޯސް ކަންތައް ކުރެއްވި ކަމަށާއި އެކަމަކު އާންމު މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އާ ޕާޓީއާ ގުޅިވަޑައިގަތެވެ. ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް ވާދަކުރިއިރު، ދެ ވަނަ ބުރުގައި ވެސް އެ ޕާޓީގެ ތާއީދު ސޯލިހަށް ނުދެއެވެ.
ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތީ މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައެވެ. އަދި ނަޝީދާއި ސޯލިހް އެކުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ދެ ބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުން އަދިވެސް އެބަ އޮތެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވެސް ސޯލިހް ތާއީދު ކުރައްވަނީ ނަޝީދާ ވާދަވެރި ކެންޑިޑޭޓް މީކާއިލަށެވެ.




