
ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އެއްވެސް ފުރުސަތެއް ސަރުކާރު ހިންގާ ޕާޓީން ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެންނެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ވާހަކައަށް ނިސްބަތް ކުރައްވައި ނަޝީދު ވަނީ "ކޮން ބާވަތެއްގެ ވާހަކައެއްތޯ" ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ހުށަހެޅުމުން ވޯޓަށް ޖެހޭނީ އަހަން ކަމަށާއި "އެއީ ގާނޫނު އަސާސީގެ އެންމެ ބޮޑު ހަމަ" ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން މަގާމުން ދުރުކުރައްވާނެ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ކުއްލިއަކަށް ހުށަހެޅީ ހަގީގަތްތަކެއް ފޮރުވުމަށެވެ. އެގޮތުން، ނާޒިމްއާއެކު ޕީއެންސީގެ 23 މެންބަރަކު ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާތީ، އެކަން ހުއްޓުވަން ޕާޓީން ފިޔަވަޅު އެޅީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް، ވެރިކަންކުރާ ޕީއެންސީން ވަނީ ނަޝީދުގެ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ ޕާޓީން ހާމަކުރި ގޮތުގައި ނާޒިމް މަގާމުން ވަކިކުރަން ހުށަހެޅީ، އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލިސް ތެރޭގައި ފިތުނަ އުފައްދައި، މަސްލަހަތު ގެއްލުވާލަން އުޅޭތީއެވެ. ނާޒިމް މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.




