ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަން" ސިޔާސަތުގެ ދަށުން ފޯމު ހުށައެޅުމަށް އެހީތެރިކަން ދޭ ޑެސްކް - ފޮޓޯ: ފިޔެސް
ފްލެޓާއި ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފި
ލިބުނު ގިނަ ޝަކުވާތަކަކާ ގުޅިގެން މުއްދަތު އިތުރުކޮށްފައިވަނީ އަންނަމަހުގެ 15އާ ހަމައަށް
މަރްޔަމް މުޙައްމަދު 23 މޭ 2026 (ހޮނިހިރު)   19:11
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި އޮތީ މިމަހުގެ ނިޔަލަށް ކަމަށް ވީނަމަވެސް، ހައުސިން މިނިސްޓްރީން ބުނީ، ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަލުހާ އީދަކީ ގިނަ ފަރާތްތަކަކުން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ހުށަހަޅުއްވަމުން ދާތީކަަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށާ، ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ  ވެސް ކަށަވަރުކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް ހައުސިން މިނިސްޓްރީން އެދިފައިވެއެވެ.

އެހެންކަމުން ހުޅުވާލައިފައިވާ މުއްދަތުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާކަން ޕޯޓަލުން ކަށަވަރުކުރެއްވުމަށް ސަމާލުކަން ދިނުމަށްވެސް ހައުސިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ.

އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ ބައެއް އުސޫލްތަކަށް ހައުސިން މިނިސްޓްރީން ބަދަލު ގެނެސްފައި ވާއިރު، ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލާފައި އޮތް އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް