
އެ ޔޫނިއަންއިން މިކަމަށް އެދި ގޮވާލާފައި ވަނީ، ފަހި ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެފްޑީސީގެ ޕޯޓަލްއަށް ހުށަހަޅައިގެން ހޯދުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ދެންނެވުމާއި އަދި އެކަމުގެ އިތުރު މައުލޫމާތު ދިނުމަށް މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކޮށްފައިވާ 4000 ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ރަށްވެހިކަން އެތަނުގައި ރަޖިސްޓްރީކޮށްދިނުމަށް ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގަވައި އަދި ހައުސިން މިނިސްޓްރީ އާއި އެފްޑީސީން ފުރިހަމަ ކުރައްވަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކޮށްދެއްވުމުން 4000 ފުލެޓުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން ރަޖިސްޓްރީކޮށްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާފައިވާތީ، ފަހި ފުލެޓުވެރިން މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ޖެއްސުމަށް ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެފްޑީސީ ޕޯޓަލް އަށް ހުށަހަޅައިގެން ހޯދުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހި ފުލެޓުވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އެއްބަސްވުމުގައި 'ސޭލްސް އެންޑް ޕާޗޭސް'ގެ ބަދަލުގައި 'ރެންޓް އޯން' މޮޑެލް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދެވޭނެ ކަމަށާއި، އަދި ރަޖިސްޓްރީ ހެއްދުމާއިބެހޭ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްދިނުމަށް އެދި 22 އެޕްރީލް 2026 ގައި ސިޓީގެ ޒަރީޔާއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ.
އަދި މާލޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމުގެ ހުއްދަ (ލިޔުން) ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މާލޭ ސިޓީ ކައުންސިލަށް ދިނުމަށާއި، އެކަމަށް ބޭނުންވާ ސިޓީ ފަދަ އެހެނިހެން ލިޔެކިއުންތައް ހައުސިންގ ޔުނިޓް (ފުލެޓް) ލިބިފައިވާ ފަރާތްތަކަށް ދިނުމަށް އެފްޑީސީ އަށް 22 އެޕްރީލް 2026 ގައި ސިޓީގެ ޒަރީޔާއިން އަންގާފައިވާ ކަމަށާ، 22 އެޕްރީލް 2026 ގައި ހައުސިންގ މިނިސްޓްރީ އަދި އެފްޑީސީ އާއި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތައް، މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްފައި ކަމަށް ވެސް ނޫސްބަޔާނުގައި ބުނެއެވެ.
މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، ހޯދަމަށް، އެފްޑީސީ ގެ ޕޯޓަލްއިން ހުށަހަޅާފައިވާ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީގައި މާލޭ ސިޓީ ކައުންސިލަށް އެޑްރެސްކޮށް އެފްޑީސީން ބުނެފައިވާ ބުނުން ވެސް މި ނޫސްބަޔާނުގައި ހިމަނާފައި ވެއެވެ.
އެހެންކަމުން، ފަހި ފްލެޓުވެރިންހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ "ފަހި ޔޫނިއަން" ގެ ނޫސްބަޔާން ނިންމާލާފައި ވަނީ، 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުން ވާންއޮތް އެންމެ އަވަހަށް އެފްޑީސީގެ ޕޯޓަލް އަށް ހުށަހަޅައިގެން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ބޭނުންވާ ސިޓީ އެފްޑީސީ އިން ހޯއްދެވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހި ފްލެޓުވެރިންނަށް އިލްތިމާސްކުރަމުންނެވެ.




