އެމްޑީޕީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފަހި ޓަވަރުތައް
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށްފި
އެފަދަ މައްސަލަތަކެއްގައި ތިން މީހަކަށް ވަނީ އިންޒާރު ދީފައި
މަރްޔަމް މުޙައްމަދު 4 ޖޫން 2026 (ބުރާސްފަތި)   11:51
ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރާތްކުރި ފަހި ފްލެޓުތަކު ތެރެއިން ފުލެޓެއް ކުއްޔަށް ދޫކުރި މައްސަލައެއްގައި އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) އިން އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފިއެވެ.

އެފްޑީސީން ބުނީ، ޖޫރިމަނާކޮށް އިންޒާރު ދިން ފަރާތްތަކާ މެދު އެގޮތަށް އަމަލުކުރީ، މިދިޔަ މެއި މަހު ކަމަށާ، އަދި އޭގެއިތުރުން މިފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް އެ ކޯޕަރޭޝަނުން މިހާރު ބަލަމުންއަންނަ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު ވެސް ވަނީ، ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުން ބިދޭސީން ނެރެފައެވެ.

އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައެއްގައި ވެސް ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވެސް ވާކަން ފާހަގަކޮށްލެވެއެވެ.

މިފަދަ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ސޯޝަލް ސްކީމްތަކުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ހުއްޓުވާނެކަމަށް ހައުސިންގ މިނިސްޓަރު އަބްދުالله މުއްތޮލިބު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް މި ސަރުކާރުގެ ދައުރު ދެބައި ވެގެން ދިޔައިރު ވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް އަންނަމުންދާތަން ފެނިގެނެއް ނުދެއެވެ.

ކޮމެންޓް