ރައީސް ނަޝީދު، ބޮޑު ބަދަލު ޖަލްސާގައި ވާހަކަ ދައްކަވަނީ.--
މަޖިލިސް ނައިބްރައީސް މަގާމުން ވަކިކުރަނީ މުއިއްޒު ވަކިކުރަން އުޅޭތީ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ޖުނާން އަޙުމަދު 22 މޭ 2026 (ހުކުރު)   00:02
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވައްދާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް 23 މެންބަރަކާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި އެބޭފުޅާގެ ޕާޓީގެ އިތުބާރު ނާޒިމަށް މިދަރަޖައަކަށް ގެއްލިގެން އުޅޭ ސަބަބު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރޮނގު ހުރަސް ކުރާތީވެ އާދެ، ނާޒިމާ އެކުގަ ރޮނގު ހުރަސްކުރަން އުޅޭތީވެ ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތްކަމަށް ވޯޓަށް ނަގަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށާ، އެ ބޭފުޅާ ހަމައެކަނި ބޭވަފާތެރިވަނީ އަނބިކަނބަލުންނަށް އެކަނި ނޫން ކަމަށެވެ. މުއިއްޒުއަކީ ސިޔާސީ ގޮތުން ގާތް ބޭފުޅުންނަށް ވެސް ބޭވަފާތެރިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށާ، އެކަން މިއަހަރު ނިމުމުގެ ކުރިން ކުރައްވާނެ ކަމަށެވެ. އެކަމަކު ތިން ރައީސުން މޭޒެއް ދޮށުގައި ތިބެގެން އެކަން ނުކުރެވޭނެ ކަމަށާ، އެކަން ކުރެވޭނީ އެމަނިކުފާނު އެމްޑީޕީއާ ހަވާލުވެ އެމްޑީޕީ މެންބަރުންގެ މަސައްކަތާއެކު ކަން ފާހަގަ ކުރެއްވި އެވެ. އަދި އެކަން އެ މަގުން ކުރައްވާނެކަން ތަކުރާރު ކުރެއްވި އެވެ.

ކޮމެންޓް