ލޫކަސް ޖަލީލު، ބަންދުން ދޫކޮށްލުމުން ތަކެއްޗާއެކު ޕޮލިސް ކަސްޓޯޑިއަލް ކައިރީގައި.--
ބަންދުގެ މުއްދަތު ހަމަވުމުން ލޫކަސް ދޫކޮށްލައިފި
ޖުނާން އަޙުމަދު 24 މޭ 2026 (އާދީއްތަ)   19:22
މި ސަރުކާރުން ނޫސްވެރިން ހައްޔަރުކޮށް ބިރުދެއްކުމާ ދެކޮޅަށް ބޭއްވި މުޒާހަރާއަކުން ހައްޔަރުކޮށް، ބަންދުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ޖަހައި އެ މުއްދަތު ހަމަވުމުން ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޝަމްޢޫން ޖަލީލު (ލޫކަސް ޖަލީލު) މިއަދު ދޫކޮށްލައިފިއެވެ.

މި މަހު 14 ވަނަ ދުވަހު ހައްޔަރުކުރި، ލޫކަސް މިއަދު ބަންދުން ދޫކޮށްލުމުން އޭނާ މީޑިއާގައި ބުނެފައިވަނީ، އޭނާ ހައްޔަރުކޮށްފައި އެވަނީ، ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން މުޒާހަރާތައް އިތުރަށް ހޫނުވެދާނެތީ އާއި އަދި ރައީސް ނަޝީދުގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ހައްޔަރު އެކުރީ، ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން މުޒާހަރާތައް އިތުރަށް ހޫނުވެދާނެތީ އެކަން ހުއްޓުވަން ވެގެން ފުރަތަމަކަމަކަށް، އަދި ރައީސް ނަޝީދުގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން." އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާގައި އާންމު ކުރަމުން ދިޔަ ލޫކަސް ބުނެފައި ވެއެވެ. 

މީގެ 11 ދުވަސް ކުރިން ލޫކަސް ހައްޔަރުކުރީ އަދަދު ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. ލޫކަސްއާ އެކު، އެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ 8 ފިރިހެނުންނާއި 2 އަންހެނުންނެވެ. 

އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

ލޫކަސްގެ ބަންދަށް ކޯޓުން ޖެހީ 10 ދުވަހެވެ. އެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ބޮޑު ބަންދެއް އައީ ލޫކަސް އަށެވެ. 

ޖަލު ބަންދުގައި ހުރެ ލޫކަސްގެ ގާނޫނީ ވަކީލު މެދުވެރިކޮށް އޭނާ ފޮނުވި މެސެޖުތަކުގައި ވަނީ ބޭއިންސާފާ ދެކޮޅު ހެދުމަށް ގޮވާލާފަ އެވެ. 

އޭނާއަކީ އަސާސީ ހައްގުތަކާއި މިނިވަންކަމާ އެއްކޮޅައަށް، ބޭއިންސާފާ ދެކޮޅަށް ވަކާލާތުކުރާ ސޯޝަލްމީޑިއާގައި ވަރުގަދަ އަޑެކެވެ. އޭނާގެ އެކައުންޓުތަކަށް އެތައް މިލިއަން ވިއުސްއެއް މަހެއްގެ މައްޗަށް ލިބެއެވެ. 

ލޫކަސް ހައްޔަރުކުރުމުން ގިނަބަޔަކު ދިޔައީ އޭނާ ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ މަޖިލިސް މެންބަރުން ހިމެނިވަޑައިގަނެއެވެ. 

ކޮމެންޓް