މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމުން ނޫސްވެރިޔާ ލީވާން އަދި އެމްޑީޕީ ޗެއާޕާސަން ގަފޫރުއާއެކު.--
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި
ހަސަން އިބްރާހީމް 23 މޭ 2026 (ހޮނިހިރު)   01:03
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގައި ހައްޔަރުކުރި ފަސްމީހުންމެ މިރޭ ދޫކޮށްލައިފި އެވެ.

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެގެން ކަމަށްބުނެ ހުކުމް ކޮށް ޖަލަށް ލާފައިވާ ދެ ނޫސްވެރިން ދޫކޮށްލުމަށާއި އެމީހުން މިނިވަންކުރަން ގޮވާލައި ބޭއްވި މުޒާހަރާތަކުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ސިލްސިލާ ގޮތެއްގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ރޭ ކުރި މުޒާހަރާއިން ފަސް މީހަކު ފުލުހުން ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މިހާރު ޖަލުގައި ހުރި ނޫސްވެރިޔާ ޝަހުޒާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފައުޒާންގެ އިތުރުން ކުރީގެ ނޫސްވެރިޔާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހަސަން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ޕީއެންއެފްއަށް ނިސްބަތްވާ އިތުރު ތިން މީހަކު ވެސް ރޭ ހައްޔަރުކުރި އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ފައުޒާން ރޭ ދޫކޮށްލާފައި ވިޔަސް އަނެއް ހަތަރު މީހުން ދޫކޮށްލީ މިރެއެވެ.

މިރޭ ދޫކޮށްލި ޕީއެންއެފްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ހަލީމަތު ވިދާޅުވީ ފުލުހުންނަށް ހުރަސްއެޅީއޭ ބުނެ ގެންދިޔައީ ބިރުދައްކަން ކަމަށެވެ.

"އަޅުގަނޑުމެނެއް ބިރެއް ނުގަންނާނެ. އެއަށްވުރެން މި ސަރުކާރު މިއޮތީ ހުދުމުހުތާރުވެފައި. އެހެންވީމަ ރައްޔިތުންނަށްޓަކާ އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއެކު ގަދަކޮށް" ހަލީމަތު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވިއެވެ.

ކުރީގެ ނޫސްވެރިޔާ ހުސެން މިރޭ ދޫކޮށްލިއިރު، ޖަލު ހުކުމުން މިއަދު މިނިވަންވި ނޫސްވެރިޔާ ލީވާން އޭނާއަށް މަރުހަބާ ކިޔަން މާލޭ ކަސްޓޯޑިއަލް ކައިރީގައި ހުންނެވިއެވެ.

ހުސެން ވިދާޅުވީ ރައްޔިތުން ތިބީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ނޫސްވެރިންގެ ހައްގުގައި ކަމަށެވެ.

"އަޅުގަނޑު އޭރުވެސް ދެންނެވިން ހިޔާލެއް ފާޅުކޮށްގެން އަޅުގަނޑުމެން ހައްޔަރުކޮށްގެން ނުގެންގުޅެވޭނޭ. ކިހާއިރަކުތޯ ގެންގުޅެވުނީ؟ ކޯޓަށް މުއްދަތު ޖަހައިގެންވެސް ނުގެންގުޅެވުނު. ގެންގުޅެވޭ ކަމުގަ ވާނަމަ އެބޭފުޅުންގެ ހުޅުނބު ދާނީ. އެބޭފުޅުންގެ އޮފުކަން ކެނޑޭނީ." ހުސެން ވިދާޅުވިއެވެ.

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ފަސްމީހުން ދޫކޮށްލި ނަމަވެސް، މިހާރުވެސް ސިޔާސީ ސަބަބުތަކާހުރެ ހައްޔަރުކޮށްފައިތިބި ހަތަރު މީހަކު ޖަލުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ ޝަހުޒާން އާއި ލިޔުންތެރިޔާ ލޫކަސް ޖަލީލު ހިމެނެއެވެ.

ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ނޫސްވެރިން ޖަލަށްލައި، އެމީހުން ދޫކޮށްލަން މުޒާހަރާ ކުރާ މީހުން ހައްޔަރުކުރާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް