
ލޫކަސް ހައްޔަރުކުރީ އެޕްރީލް 14 ވަނަ ދުވަހުގެރޭ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ސަރަހައްދުންނެވެ. ލޫކަސްއާ އެކު، އެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ 8 ފިރިހެނުންނާއި 2 އަންހެނުންނެވެ. އެރޭ ހައްޔަރުކުރި ގިނަ މީހުން ފަހުން ދޫކޮށްލިއެވެ. އެހެންނަމަވެސް ލޫކަސް 10 ދުވަހަށް ހައްޔަރު ކުރަން ކޯޓުން އަމުރުކުރިއެވެ. އޭނާ މިނިވަންވީ އިއްޔެ އެވެ.
އިންތި މިއަދު އޭނާގެ މުވައްކިލު ލޫކަސް އާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކި ކުށްތަކަށް އަރައިގަނެފައި ތިބޭ، ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށްވެސް، ކޯޓުން އެއަށްވުރެ މަދު ދުވަސް ޖަހާ ކަމަށެވެ.
"އެހެންނަމަވެސް ލޫކަސް ޖަލީލު، ސުލްހަވެރި އިހުތިޖާޖެއްގެ ތެރޭގައި ހަމަ ހިލާ އެއްކަމެއްވެސް ގާނޫނާ ހިލާފަށް ނުކޮށް ވާއިރުގައި 10 ދުވަހު ކުޑަގޮޅީގައި އަދަބެއް މިދިނީ." މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި އިންތި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަހުޒީބީ ގައުމުތަކުގައި އާދައިގެ ކުށްތައް ޝަރީއަތް ހިންގައި ސާބިތުވީމާވެސް ގިނަ ފަހަރު ޖަލުގައި ހައްޔަރުކުރަނީ ދިހަ ދުވަހުގެ މުއްދަތަށް ކަމަށެވެ. އެހެންނަމަވެސް ލޫކަސް، ކުޑަ ގޮޅީގައި 10 ދުވަސް ވަންދެން ބޭއްވީ ސުވާލެއްވެސް ކޮށްލުމެއްނެތި ކަން އިންތި ފާހަގަ ކުރެއްވިއެވެ.
ލޫކަސްއާ ސުވާލުކޮށް ބަޔާން ނެގީ 10 ވަނަ އަށް ވީ ދުވަހު އޭނާ ދޫކޮށްލަންވެގެންކަން ލޫކަސް ވެސް އަދި އިންތި ވެސް ފާހަގަ ކުރެއްވިއެވެ.
އިންތި ވިދާޅުވީ، ލޫކަސްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފްސީލުގައި އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް އެއްވުމާއި ފުލުހުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ލިޔެފައި ވާކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރި ސަބަބުގެ ތެރޭގައި ފުލުހުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ބުނެފައި ނެތް ކަމަށާއި ކޯޓުން މުއްދަތު ޖެހިއިރުވެސް، ބަޔާން ނެގި އިރުވެސް އެކަމާ ސުވާލެއްވެސް ނުކުރާކަން އިންތި ފާހަގަ ކުރެއްވި އެވެ.
"ވަރަށް ސާފުކޮށް އެބަ އެނގޭ އެންމެ ސީރިއަސް ތުހުމަތު ކަމުގައިވާ ފުލުހެއްގެ ގައިގާ އަތްލައި މާރާމާރީ ހިންގި ކަމަކީ ހިނގި ކަމެއްވެސް ނޫންކަމާ. ބޮޑު ބުހުތާނު ދޮގެއް ހަދައިގެން ދައުލަތުގެ ލިޔުންތަކުގައި ލިޔެފައިވާކަން." އިންތި ވިދާޅުވިއެވެ.
މި ސަރުކާރުން ނޫސްވެރިން ޖަލުގައި ހައްޔަރުކުރުމަކީވެސް އަދި އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރާ މީހުން ހައްޔަރު ކުރަނީވެސް ސިޔާސީ ބޭނުމަށްކަން އިންތި ފާހަގަ ކުރެއްވިއެވެ.
"ސަރުކާރުން ސިޔާސީ ހައްޔަރީންގެ ގޮތުގައި ނޫސްވެރިންވެސް ހައްޔަރުކުރަމުންދަނީ އަދި މިވަގުތުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުންދާ ފަރާތްތައް ހައްޔަރުކޮށް ޝަރީއަތް ކުރުމެއްނެތި، ސުވާލުކުރުމެއްނެތި ދިހަ ފަނަރަ ދުވަހު ކުޑަގޮޅީގައި އެ ބާއްވާ ބޭއްވުމަކީ ސިޔާސީ ހައްޔަރީން ހައްޔަރުކުރުމަށް ވުރެވެސް ނުރައްކާތެރި ބިރުވެރި ގައިރު ގާނޫނީ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެނީ" އިންތި ވިދާޅުވިއެވެ.
ލޫކަސް މިއަދު ވަނީ އޭނާ ހައްޔަރުކުރި ގޮތާއި އޭނާއާމެދު އަމަލުކުރިގޮތްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއާއެކު ހައްޔަރުކުރި މީހަކަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކުރިއެވެ. އެހެންނަމަވެސް ޖުމްލަ ގޮތެއްގައި ފުލުހުން ރަނގަޅު ކަމަށާ "މަތިން އަންނަ އޯޑަރު" އައީމަ އެ ގޮތަކަށް އެމީހުން އަމަލު ކުރަން ޖެހެނީ ކަން ލޫކަސް ފާހަގަ ކުރެއްވި އެވެ.
އަދި އެގޮތަށް "ޖަލުގައި ތަޅުވައިގެން ބިރުދައްކައިގެން ފަހަތަށް ނުޖެއްސޭނެ" ކަމަށް ތަކުރާރުކޮށް ލޫކަސް ވިދާޅުވި އެވެ.




