މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ޖަމާއަތްތެރިން އިހުތިޖާޖުކުރަނީ.--
ޖަމާއަތްތެރިންގެ އެލަވަންސްތަކެއް ކަނޑާލުމުން އިހުތިޖާޖުކޮށްފި
ކުރިން ލިބެމުން އައި 10 ވަރަކަށް އެލަވަންސް މިހާރު ވަނީ ކަނޑާލާފައި ކަމަށް ޖަމާއަތްތެރިން ބުނޭ
މަރްޔަމް މުޙައްމަދު 18 މާރޗް 2026 (ބުދަ)   17:56
ޖަމާއަތްރިންނަށް ކުރިން ލިބެމުން އައި އެލަވަންސްތަކެއް ކަނޑާލާފައި ވުމުން، ގެއަށްގެންދަން ލިބޭ އަދަދު 30 އިންސައްތައަށް ކުޑަވެއްޖެކަމަށްބުނެ މާލޭގެ އާ އާސަހަރާ ކުރިމަތީގައި ޖަމާއަތްތެރިން މިއަދު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އެކި އިދާރާތަކުގެ މުސާރަ ބޮޑުކޮށްފައިވާއިރު، އެ ބަދަލާއެކު ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގެ ބައިވެރިން ވަނީ ތަފާތު އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެން އެމީހުންގެ ޝުއޫރު ފާޅުކޮށްފައެވެ.

އެގޮތުން، މި އިހުތިޖާޖުކުރަން ޖެހުނީ އެމީހުންގެ ހައްގު ހޯދުމަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ގޮސްގެން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުނިކުންނާތީ ގޮތް ހުސްވެގެން ކަމަށް އެމީހުން ބުންޏެވެ.

އަދި އާދޭހާއެކު ސަރުކާރުގެ ފަރާތުން އެދެނީ ޖަމާއަތްތެރިންގެ ހައްގުތައް ހޯދައިދީ، ކުޑަމިނުން އެމީހުންނަށް ހައްގުވާ އަސާސީ މުސާރަ ދިނުމަށް ކަމަށް ވެސް ޖަމާއަތްތެރިން ބުނަމުން ދިޔައެވެ.

މީޑިއާއަށް މައުލޫމާތުދިން ގިނަ ބައިވެރިން ފާހަގަކުރި ގޮތުގައި، މިސަރުކާރުން، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އަސާސީ މުސާރަ ބޮޑުކުރިނަމަ ވެސް މީގެ ކުރިން ލިބެމުން އައި އެލަވަންސްތައް ވަނީ ކަނޑާލާފައެވެ.

އެގޮތުން އިތުރު ގަޑީގެ އެލަވަންސް، ދީނީ އެލަވަންސް، ރިސްކް އެލަވަންސް ހިމެނޭގޮތަށް ގާތްގަނޑަކަށް ކުރިން ލިބެމުން އައި 10 ވަރަކަށް އެލަވަންސް ކަނޑާލާފައި ވާއިރު، މިއީ މުސާރަ ބޮޑުކުރުންކަމަށް ބުނެ ނިންމާލެވޭނަމަ، ކުރިން ލިބެމުން އައި މުސާރަ އެގޮތުގައި ބޭއްވުން ވެސް މާ ރަނގަޅުކަމަށެވެ.

އަދި މަސައްކަތަށް ނުކުންނަންޖެހޭ ބަންދު ދުވަސްތަކަށް ވެސް އެއްވެސް އިތުރު ފައިސާއެއް ނުލިބޭކަން ފާހަގަކޮށް އިހުތިޖާޖުގެ ބައިވެރިން ބުނީ، އެހެންނަމަވެސް، ސަރުކާރުން ނަގާފައިވާ ކޮންޓްރެކްޓު މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ލިބޭ ކަމަށާ، އަދި އެއް މަސައްކަތެއް ކޮށް، އެއް ވަޒީފާއެއް އަދާކުރި ނަމަވެސް، އެ ފަރާތްތަކުގެ މުސާރަ އެތައް ގުނައެއް ބޮޑުކަމަށެވެ.

އެހެންކަމުން މިކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ވެސް އުފުލާފައި ވާއިރު، ރައީސް އޮފީހުގެ އިތުރުން، ޕޭކޮމިޝަނަށާއި، ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ވެސް އެ ކަންބޮޑުވުން ހުށަހަޅާފައި ވާނެކަމަށް ވެސް އެމީހުން ބުންޏެވެ.

ނަމަވެސް މިހާހިސާބަށް ވެސް ލިބުނު ޖަވާބަކީ، އެކަންކަން "ވަރަށް ގާތުން" ބަލަމުންދާ ކަމުގެ ޖަވާބުކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ބުންޏެވެ.

ކޮމެންޓް