
މާދަމާގެ 12:18 ގައި މައްކާއަށް މެންދުރު ވަގުތު ވާއިރު، އިރު ހުންނާނީ 90 ޑިގްރީއަށް، ކައުބަތުﷲ ގެފުޅާ ސީދާ މެދުގައި ކަން ހާމަކޮށް ފަލަކީ އިލްމުވެރިން ބުނަނީ، ކޮންމެ 33 އަހަރަކުން އެއްފަހަރު ދިމާވާ ގުދުރަތީ މި ހާދިސާ އެންމެ ފަހުން ހިނގާފައިވަނީ 1993 ވަނަ އަހަރުގެ އަރަފާތު ދުވަހުގައި ކަމަށެވެ.
އެހެންކަމުން މި ހާއްސަ ވަގުތުގައި، އެ ވަގުތަކީ މައްކާއަށް މެންދުރު ނަމާދު ވަގުތު ކަމަށްވާއިރު، އިރުގެ ދޯދިތައް ސީދާ ތެދަށް ކައުބާއަށް އެޅުމުގެ ސަބަބުން، އެއްވެސް ދިމާލަކުން ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. އެ ވަގުތު އިރު ދުނިޔެއާ ހުންނާނީ 151 މިލިއަން ކިލޯމީޓަރު ދުރުމިނުގައި ކަމަށް ވެސް ފަލަކީ އިލްމުވެރިން ބުނެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ބައެއް ޕޯސްޓްތަކުގައިވާ ގޮތުން، އާންމުގޮތެއްގައި މައްކާ އޮންނަ ސަރަހައްދުގެ ގޮތުން (ނޯތު ލެޓިޓިއުޑް 21.4 ގައި) އަހަރަކު ދެ ފަހަރު އިރު ގެފުޅާ ސީދާވެއެވެ.
އެއީ އިރު، އީކުއޭޓަރާއި ޓްރޮޕިކް އޮފް ކެންސަރާ ދެމެދު ދަތުރުކުރާ ވަގުތުތަކުގައެވެ. މީލާދީ ކަލަންޑަރުން ބަލާނަމަ ކޮންމެ މޭ 27 އަދި ޖުލައި 15 ގައި މިގޮތަށް އިރު އޮލަނބުވެ އެވެ.
ނަމަވެސް އިސްލާމީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ދުވަސްތައް ދިމާވާގޮތުން، އަރަފާތު ދުވަހާ މި ހާދިސާ ދިމާވަނީ ކޮންމެ 33 އަހަރަކުން އެއްފަހަރެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ނެޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވަނީ، މިއީ ގުދުރަތީ ފަލަކީ ހާދިސާއެއް ކަމަށާއި، މިކަމުގެ ސަބަބުން ފިނިހޫނުމިނަށް އާދަޔާ ހިލާފު ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
މައްކާގައި މިގޮތަށް އިރު މެދުގައި ހުންނަ ވަގުތު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކު ނަމަވެސް، އެ ވަގުތު ސީދާ އިރު ހުރި ދިމާއަށް ބެލުމުން އެ ބެލެވެނީ ކައުބާއާ ދިމާއަށެވެ. ނަމަވެސް ހަމަލޮލުން އިރަށް ބެލުމުގެ ބަދަލުގައި އެންމެ ރައްކާތެރި ގޮތަކީ ސީދާ ތެދަށް ހުރި ދަނޑިއެއް ބިމުގައި ޖެހުމަށް ފަހު އޭގެ ހިޔަނި ދަތުރުކުރާ ގޮތަށް ބެލުމެވެ.




