ޝައިޚް އަލީ ބިން އަބްދުއްރަހުމާން އަލް ހުޒައިފީ ނަމިރާ މިސްކިތުގައި ހައްޖު ހުތުބާ އިއްވަވައި ދެއްވަނީ
ގިޔާމަތަށް ތައްޔާރުވުމަށް ކުރަން އެންމެ މުހިންމު ކަމަކީ ﷲ އެއްކައުވަންތަކުރުން
ހައްޖު ހުތުބާ ޝައިޚް އަލީ އަލްހުޒައިފީ ވިދާޅުވި އިރު، މާދަމާގެ އީދު ހުތުބާ ވިދާޅުވާނީ ދަރިކަލުން ޝައިޚް އަހުމަދު އަލްހުޒައިފީ މިއީ ތާރީހީ ޝަރަފެއް
ޖުނާން އަޙުމަދު 26 މޭ 2026 (އަންގާރަ)   17:51
ގިޔާމަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ އެއްކައުވަންތަކުރުން ކަމަށް ވާއިރު، އެކަލާނގެ އެއްކައުވަންތަކަމާއި ހިލާފުވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް ހައްޖުގެ ޚުތުބާގައި މިއަދު ގޮވާލައްވައިފިއެވެ.

މައްކާގެ އަރަފާތު ބިމުގައި ހުންނަ ނަމިރާ މިސްކިތުގައި ހައްޖު ހުތުބާ އިއްވަވައި ދެއްވަމުން މާތްﷲއަށް ތަގުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝައިޚް އަލީ ބިން އަބްދުއްރަހުމާން އަލް ހުޒައިފީ ވިދާޅުވީ، ތަގުވާވެރިވުމުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރއިން، ގިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަގުވާވެރިކަމުގެ ތެރެއިންވާ ކަމެއްކަމަށެވެ.

މާތް ﷲ އަށް ޝިރުކު ކުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހައްޖު ހުތުބާގައި ވިދާޅުވީ، ކެތްތެރިވާ މީހުންނަށް ލިބޭ ދަރުމައާއި ސަވާބަކީ ނުހަނު ބޮޑު ފައިދާއެއް އަޅުތަކުންނަށް ލިބޭނެ ކަމެއް ކަމަށެވެ.

އަދި ޝިރުކުކުރުމުން ދުރުހެލިވެ ޒިކުރުކުރުން މަތީ މުއުމިނުން ދެމިތިބޭނަމަ މާތް ﷲ އެބައެއްގެ ހިތްތައް މަޑުމޮޅިކުރައްވާ ކެތްތެރި ބައެއްގެ ގޮތުގައި ލައްވާނެ ކަމަށާ، މާތް ﷲ އަށް ބިރުވެތިވާ މީހާއަށް ހުރި ނިއުމަތާއި ސަވާބުގެ މައްޗަށް ވެސް ހުތުބާގައި ވަނީ އަލި އަޅުއްވާލާފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގައި މާތްވެގެންވާ ގެފުޅުގެ ތާހިރުކަން ދެމެއްޓުމަށް ގޮވާލައްވާ ހުތުބާގައި ވިދާޅުވީ، އެތަނަކީ ޝިރުކުން ތާހިރުވެފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

އަދި ފާސިގު ކަންކަމާއި ގޯސް ބަސްތަކުން ދުރުހެލިވުމަށް ގޮވާލައްވާ ހުތުބާގައި ވިދާޅުވީ، ހައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަމާއި، އެ މަނާސިކުތައް ފުރިހަމަ ކުރުމުގެ ތެރެއިން ހޭދަ ކުރާ ވަގުތު ހެޔޮ ގޮތުގައި ހޭދަކޮށް ދުއާކޮށް މާތް ﷲ އަށް ޒިކުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ.

ހައްޖު ހުތުބާ މައްކާގެ އަރަފާތު ބިމުގައި ހުންނަ ނަމިރާ މިސްކިތުގައި ޝައިޚް އަލީ އަލްހުޒައިފީ ވިދާޅުވި އިރު، މާދަމާގެ އީދު ހުތުބާ ވިދާޅުވާނީ ދަރިކަލުން ޝައިޚް އަހުމަދު އަލްހުޒައިފީ ކަމަށްވާތީ، މިއީ ތާރީހީ ޝަރަފެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

މިއަހަރުގެ ހައްޖު މޫސުމުގެ އެންމެ މުހިންމު ދެ ހުތުބާ ކަމަށްވާ އަރަފާތް ދުވަހުގެ ހުތުބާއާއި އަޟްހާ އީދު ނަމާދުގެ ހުތުބާ ދެއްވުމަށް، މަސްޖިދުއްނަބަވީގެ މަޝްހޫރު އިމާމު ޝައިޚް އަލީ އަލްހުޒައިފީ އާއި އެމަނިކުފާނުގެ ދަރިކަލުން ޝައިޚް އަހުމަދު އަލްހުޒައިފީ ހަމަޖައްސަވާފައި ވަނީ ސައުދީ އަރަބިއްޔާގެ ރޯޔަލް ކޯޓުންނެވެ.

މިއީ އިސްލާމީ ތާރީހުގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަކަމެއް ކަމަށާ، އެއް އާއިލާއެއްގެ ދެބަފައިން ހައްޖު މޫސުމުގެ މިފަދަ އެންމެ ބޮޑު ދެ މަސްއޫލިއްޔަތު އެއްފަހަރާ ހަވާލުކުރެއްވުމަކީ، އަލްހުޒައިފީގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ތާރީހީ ފަހުރެއް ކަމަށް ގިނަބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ބެލެވޭގޮތުގައި މިއީ މަސްޖިދުއްނަބަވީގައި އެތައް އަހަރެއް ވަންދެން ޝައިޚް އަލީ އަލްހުޒައިފީ އިސްލާމީ އުންމަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.

ކޮމެންޓް