ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި.-- ފޮޓޯ: ދިވެހިރާއްޖޭގެ ހައްޖު މިޝަން
ދިވެހި ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި
މަރްޔަމް މުޙައްމަދު 26 މޭ 2026 (އަންގާރަ)   07:13
ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ދިޔަ ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ހާމަކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އަރަފާތަށް ދިއުމަށް ފެށި ދަތުރު ހުރިހާ ހައްޖުވެރިންހެން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ހުރިހާ ހައްޖުވެރިންގެ ވެސް ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

"ދިވެހި ހައްޖުވެރިން މިހާރު ވަނީ އަރަފާތު ބިމަށް އައިސްފައި. ޖުމްލަގޮތެއްގައި ހާޖީންގެ ހާލު ރަނގަޅު. އެއް ހައްޖުވެރިއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދޭ. އޭނާ އަރަފާތު ބިމަށް ގެނައުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ކުރަމުން އެބަގެންދޭ." ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

ހައްޖަށް ދިޔަ ދިވެހި ފިރިހެނަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނީ އޭނާގެ ހަކުރު މައްޗަށް ގޮސްގެން ކުއްލި އަކަށް ހާލަތު ގޯސްވެގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރާއްޖެއިން މި އަހަރުވެސް 1،000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވެއެވެ.

މިއަދުގެ މެންދުރުފަހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި މަޑުކުރާނެއެވެ. އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ ބޮޑު ރުކުން ކަމަށްވާއިރު، މިއަދު އިރުއޮއްސުމުގެ ކުރިން އެ ބިމަށް ނުދެވޭ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.

އަރަފާތުގައި މަޑުކުރުމަށްފަހު، މިއަދު އިރުއޮއްސުމާއެކު ހައްޖުވެރިން ދެން މިސްރާބު ޖަހާނީ މުޒްދަލިފާ އަށެވެ. އެގޮތުން މިރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު، ހައްޖުވެރިން އަލުން އަނބުރާ މިނާއަށް ވަންނާނީ އީދު ދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ.

އީދު ދުވަހަށްފަހު އާންމު އުސޫލުން ތިން ރޭ މިނާގައި ހޭދަކުރުމަށްފަހު، ދިވެހި ހާޖީން އެނބުރި މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހައްޖު މަހުގެ 12 އަދި 13 މި ދެ ދުވަހުއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެ އެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 11،000 މީހުންގެ އިތުރުވުމެކެވެ.

ކޮމެންޓް