ޝަހްޒާން އާއި ލީވާން، އެ ދެމީހުން މިނިވަން ވުމުގެ އުފަލުގައި ބޭއްވި ހަފުލާގައި.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ދެ ނޫސްވެރިން ތިބި ގޮޅިން ފޯނެއް ފެނުނު: ހޯމް މިނިސްޓަރު
ޖުނާން އަޙުމަދު 28 މޭ 2026 (ބުރާސްފަތި)   14:54
އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރަކާ ހިލާފުވެގެން ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނަސީރު ތިބި ގޮޅިން ފޯނެއް ފެނުނު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އެ ދެ ނޫސްވެރިންގެ ތެރެއިން 15 ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް ފަހު ޝަހްޒާން އިއްޔެ ދޫކޮށްލުމާ ގުޅިގެން އޭނާ ވަނީ ޖަލުގައި ކަންކަން ކުރިގޮތް މީޑިއާއަށް ކިޔައިދީފައެވެ.

ޝަހްޒާން ބުނެފައި ވަނީ އޭނާ އާއި ލީވާން އެއް ގޮޅިއެއްގައި ބޭތިއްބުމަށްފަހު ފަހުން ވަކި ދެ ގޮޅިއެއްގައި ބޭތިއްބީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށާއި އެއަށް ފަހު އޭނާއަށް ވަރަށް ބޮޑަށް އުނދަގޫކޮށްފައިވާ ކަމަށެވެ.

"ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތޭލާއި ފުއްކަށި ހިފައިގެން އަޅުގަނޑުގެ ގޮޅިއަށް ކޮންމެ ރެއަކުހެން ވަދެ، އަޅުގަނޑު ނިދަން އޮންނަ އަށްޓާއި ފާރުގެ އެތަން މިތަން ތަޅައި ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން،" ޝަހުޒާން މިހެން ބުނެފައިވާ ވީޑިއޯއާ އެކު އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޝަހްޒާން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

ދެ ނޫސްވެރިންނާ މެދުވެސް ކަންތައް ކޮށްފައިވާނީ އެހެން ގައިދީންނާމެދު ވެސް ކަންތައް ކުރާ ގޮތަށް ކަމަށާއި، އެމީހުން ތިބި ގޮޅި ބަލައި ފާސްކުރިއިރު ފޯނެއް ފެނިފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން ޖަލުގައި އެހެން ގައިދީންނަށްވެސް މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތަށް މި ދެމީހުން ވަނީ މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެގޮޅީގައި ބޭތިއްބިފައި." އިހުސާން ވިދާޅުވެފައި ވެއެވެ.

އިހްސާން ވިދާޅުވީ، އެ މީހުން ތިބި ގޮޅި ފާސްކުރަން ޖެހުނީ އާންމު ފަރާތަކުން މި މަހުގެ 15 ގައި ދިން މައުލޫމާތުތަކަކާ ގުޅިގެން ކަމަށާއި ވަކި މީހަކު އަންގައިގެން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޝަހްޒާން އާއި ލީވާން އެކީގައި ބޭތިއްބި ގޮޅިން ޖަލަށް ވެއްދުން މަނާތަކެތީގެ ތެރޭގައި ހިމެނޭ ފޯނެއް ވެއްދި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޝަހުޒާން އާއި ލީވާންގެ ގޮޅި ބަދަލު ކުރި ސަބަބާ ގުޅޭ ގޮތުން އޭރު ކަރެކްޝަންސްއާ ސުވާލު ކުރުމުން ބުނެފައި ވަނީ، ގައިދީން އާންމު އުސޫލުން ބަދަލު ކުރުމަކީ އިންޓާނަލް ނިންމުންތަކެއް ކަމަށާއި އެއީ ހާމަ ކުރާނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ޝަހްޒާން އިއްޔެ ދޫކޮށްލި އިރު، ލީވާންގެ 10 ދުވަހުގެ ހުކުމުގެ މުއްދަތު ހަމަވުމުން ދޫކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް