މާލޭގައި މިއަދު ކުރެވުނު އީދުނަމާދުގެ ބޮޑު ޖަމާޢަތް ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީނީ ސަގާފަތާ ހިލާފު ކަންކަމާ ދުރުވެތިބެ އީދު ފާހަގަކުރުމަށް އީދުހުތުބާގައި ގޮވާލައިފި
ނިކަމެތި މުސްލިމުންގެ ހާލުގެ މަތިން ހަނދުމަކުރުމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައި
ޖުނާން އަޙުމަދު 27 މޭ 2026 (ބުދަ)   10:51
މިއަދު މި ފާހަގަކުރާ އަޟުހާ އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމް ދީނުގެ ސަގާފަތާ ހިލާފު ކަންކަމާ ދުރުވެތިބެ އީދު ފާހަގަކުރުމަށާ، ނިކަމެތި މުސްލިމުންގެ ހާލުގެ މަތިން ވެސް ހަނދުމަކުރުމަށް އީދުހުތުބާގައި ގޮވާލައިފިއެވެ.

"އީދުގެ އަދަބުތައް" މި މައުލޫގެ މައްޗަށް މިއަދުގެ އީދު ހުތުބާގައި އަލި އަޅުއްވާލާފައި ވާއިރު، އީދު ދުވަހުގެ މާތް ކަމުގެ މައްޗަށާ، މުސްލިމުންނަށް މާތް ﷲ މިދުވަހު ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރު ކިޔުމުގެ މައްޗަށް ވެސް މިއަދުގެ ހުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ޢިދުގެ ކުޅިވަރު ކުޅުމުގެތެރެއިން މީހުންނަށް މަލާމާތާއި ފުރައްސާރަކޮށް އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

"އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ. އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ." - އީދު ހުތުބާ

މުސްލިމު ހުރިހާ އަހުންނާއި އުހުތުން މި ދުވަހުގެ އުފަލުގައި ބައިވެރިކުރުމަށް ގޮވާލައްވާ ހުތުބާގައި ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އީދުގެ އުފަލުގައި ބައިވެރިނުވެވި ނިކަމެތިހާލުގައާއި، ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލުއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ތިބިކަން ހަނދުމަކުރުމަށް ވެސް ނަސޭހަތްތެރިވާކަމަށެވެ.

އީދު ފާހަގަކުރާއިރު އެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ، އީދުގެ ޖަމާއަތަށް އެއްވެ ތިބި ފަރާތްތަކާއި މައްކާގައި ހައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށް ތިބި މުސްލިމުން ޖަމާއަތްތަކުގެ މަތިން ހަނދުމަކޮށް، މާތް ﷲގެ ދަރުބާރަށް މީސްތަކުން ގިޔާމަތް ދުވަހު އެއްކުރައްވާނެކަން ހަނދުމަކުރަން ޖެހޭކަމަށެވެ.

ކޮމެންޓް