އުޑުމަތި ބަނަ ދުވަހެއްގައި ރާއްޖޭގެ ގޮނޑުދޮށެއް - ފޮޓޯ: ފިޔެސް
މެދުރާއްޖެތެރެ އާއި އުތުރަށް މާދަމާވެސް މޫސުން ގޯސް
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ - މެޓް
މަރްޔަމް މުޙައްމަދު 25 މޭ 2026 (ހޯމަ)   12:57
ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށް މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީސް (މޫސުމާއި ބެހޭ ގައުމީ އިދާރާ) އިން ހާމަކޮށްފިއެވެ.

މެޓުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެ ކަމަށާ، ދެކުނުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވައިގެ ބާރުމިން، އުތުރާއި މެދުރާއްޖެ ތެރެއަށް 10 މޭލާއި 20 މޭލާ ދެމެދުގައި ހުންނާނެ ކަމަށާ، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން، ދަތުރު ކުރާއިރު މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުން މުހިންމު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އިއްޔެ މެޓް އޮފީހުން ބުނެފައިވަނީ، އީދު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާ، ކުރިއަށް އަދި އޮތީ ވިއްސާރަ ދުވަސްވަރު ކަމަށެވެ.

އަންނަ ބުދަ ދުވަހަކީ، އީދު ދުވަސް ކަމަށްވާއިރު، އީދަށް ހަފުތާއަކަށްވުރެ ދިގު ބަންދެއް ލިބިފައިވުމުން، ގިނަ ބަޔަކު މި ދުވަސްވަރު ދަތުރުކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް