އަދަދުގެ ސީއީއޯ ފިޔާޒު އާއި އެޑިޓަރ ހަސަން، ކްރިމިނަލް ކޯޓު ކުރިމަތީގައި.-- ފޮޓޯ: އަދަދު
ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަން އިންކާރުކޮށްފި
ފިޔެސް 8 ޖޫން 2026 (ހޯމަ)   19:06
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގައި އެ ދެ ބޭފުޅުން ވެސް މިއަދު އިންކާރުކުރައްވައިފި އެވެ.

އާންމުންނާއި މީޑިއާއަށްވެސް ސިއްރުކޮށްގެން ކުރިއަށް ގެންދާ މި ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައިފަ އެވެ. އަދި ދައުވާއާ ގުޅޭ ގޮތުން ދިފާއުން ކުރި ސުވާލުތަކަށް ޖަވާބުދީފައިވެ އެވެ.

އެ ދައުވާއަށް ފިޔާޒާއި ހަސަން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިންކާރުކުރެއްވި އެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރަން ނިންމީ އަދަދު ނޫހުން 'އައިޝާ' ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ތައްޔާރުކޮށް އާންމުކުރި މައްސަލައިގައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ މެއި 13 ވަނަ ދުވަހު އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވީ މެއި 10 ވީ އާދިއްތަ ދުވަހު އެވެ. ތަހުގީގަށް ފުލުހުންގެ އިދާރާއަށް ފިޔާޒާއި ހަސަން ހާޒިރު ކުރުމުން ތުހުމަތަށް އިންކާރު ކުރައްވައި ދެބޭފުޅުންވެސް ހަނު ތިބީ އެވެ. ހަނު ތިބެފައިވަނީ  ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ބުނެއެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދުމުން، އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއްވެސް ވަނީ ނެރެފައެވެ.

އެ އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކާ ގުޅިގެން އަދަދުގެ ނޫސްވެރިޔާ ޝަހުޒާން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތަކުން އަދަދުގެ ނޫސްވެރިޔާ ލީވާން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، މެއި 12 ގައި ޖަލަށްލާން ހުކުމް ކުރިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.

މިއީ މި ފަހުގެ ތާރީހުގައި ނޫސްވެރިންނާ މެދު އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.

ކޮމެންޓް