
ދުނިޔޭގެ މޫސުމާ ބެހޭ އިދާރާގެ އިތުރުން، އިނގިރޭސިވިލާތުގެ މެޓު އޮފީހުން ވެސް މިކަން ހާމަކޮށްފައި ވާއިރު، ޑަބްލިޔުއެމްއޯގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ދުނިޔޭގެ ބޭރު ފަށަލައިގެ ހޫނުމިން، 1850އާއި 1900ގެ ދުވަސްވަރު ދުނިޔޭގެ ހޫނުމިން އޮތް މިންވަރަށް ވުރެ 1.3 ޑިގްރީއާއި 1.9 ޑިގްރީއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށެވެ.
އެހެންކަމުން ފާހަގަކޮށްލެވޭ ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ 1850އާއި 1900އާ ދެމެދުގެ ދުވަސްވަރަކީ ދުނިޔޭގެ ބޮޑެތި ކާރުހާނާތައް އުފައްދައި، ޖައްވު ނުސާފުވާފަދަ މާއްދާތައް ބޭރުވާ ގޮތަށް ދުނިޔޭގައި ސިނާޢީ މަސައްކަތްތައް ކުރަން ފެށުމުގެ ކުރީގެ ދުވަސް ވަރެވެ.
އެ ރިޕޯޓުގައި ވާގޮތުން 2026ވަނަ އަހަރާއި 2030ވަނަ އަހަރާ ދެމެދުގެ އަހަރުތަކުގެ ތެެރެއިން އަހަރެކީ، ދުނިޔޭގެ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ދިޔަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވޭނެ އަހަރެއް ކަމަށެވެ.
އެގޮތުން، މިހާތަނަށް އެންމެ ހޫނު އަހަރުގެ ގޮތުގައި ރެކޯޑުކޮށްފައި މިހާރު އޮތް 2024ވަނަ އަހަރަށް ވުރެ ދުނިޔެ ހޫނުވާނެ ކަމަށާ، އެ އަހަރަކީ 1800ގެ އަހަރުތަކަށް ވުރެ 1.5 ޑިގްރީ އިތުރަށް ދުނިޔެ ހޫނިވި ފުރަތަމަ އަހަރު ކަމުގައި ވެގެންދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުތުރު ހެމިސްފިޔަރގައި ތަޖުރިބާ ކުރާ ފިނި މޫސުން އެހެން އަހަރުތަކަށްވުރެ ތެތްކަން އިތުރުވާނެ ކަމަށާ، ވިލާތުގެ އުތުރުގެ ސަރަހައްދުތަކާއި އަލަސްކާއާއި ސައިބީރިއާއާއި ސާހެލްގައި ވެސް މެއި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ތެތްކަން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ.
މިކަމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، ގިނައިން ވާރޭ ވެހި ވައިގެ ތެތްކަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، އެމޭޒަން ސަރަހައްދުގައި ހިކިކަން އިތުރުވުމެވެ.
މީގެ އިތުރުން، މި އަހަރުގެ ފިނި މޫސުމުގައި ވެސް ބާރުގަދަ އެލްނިނޯއެއް އަންނާނެ ކަމަށް ބެެލެވޭ ކަމަށާ، އެލްނިނޯގައި މެދުތެރޭ އަދި އިރުމަތީ ޕެސިފިން ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އިތުރުވާއިރު، އެ ހާލަތުގައި ޕެސިފިކް ކަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް އުފުލުން އެކަށީގެންވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.




