ކަނޑުމަތީގެ ހާދިސާއެއްގައި ފުލުހުން ހަރަކާތްތެރި ވަނީ - ފޮޓޯ: ޕޮލިސް
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސް – މެޓް
މަރްޔަމް މުޙައްމަދު 31 މޭ 2026 (އާދީއްތަ)   11:42
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީސް (މޫސުމާބެހޭ ގައުމީ އިދާރާ) އިން ބުނެފިއެވެ.

މެޓުން ބުނީ، ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ކުރާނެކަމަށާ، އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައިޖެހޭނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުނު ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އެއަށްވުރެ އިތުރަށް ގަދަވެ، ރާޅުގެ އުސްމިން 4 އާއި 7 ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓުން ބުނެއެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާ، އީދުއަށް ފަހު މިއަދު އޮފީސްތަކާއި ސްކޫލްތައް ހުޅުވޭތީ ގިނަ ބަޔަކު ދަތުރުކުރަމުން އަންނައިރު، މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށް ވުމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ކޮމެންޓް