
އެމްޑީޕީން ބުނި ގޮތުގައި، 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ. މިއީ އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ވޯޓާސް ލިސްޓާ ގުޅޭގޮތުން އެމްޑީޕީން އިތުރަށް ބުނީ، ވޯޓުލުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް އުނިކުރެވޭ ފަރާތްތަކުގެ ވަކި ލިސްޓެއް ފަހުގެ ތާރީހެއްގައި އާންމުކޮށް އިއުލާންކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.
ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމަށް އެކި ރަށްރަށުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓުމަށްވަނީ ކަނޑައަޅާފައެވެ. އެއީ ރާއްޖޭގައި ބަހައްޓާ 240 ވޯޓު ފޮށްޓާއި ރާއްޖޭން ބޭރުގައި ބަހައްޓާ 1 ވޯޓު ފޮށްޓެވެ. ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ސްރީލަންކާގެ ކޮލަމްބޯ ގައެވެ.
އަންނަ ޖޫން 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 3 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ؛
މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.




