މީކާއީލް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރެއްގެ ތެރެއިން.--
އެއްވެސް މީހަކު ބާކީއެއް ނުވާނެ، ހައްގު ޖާގަ ހޯދައިދޭނަން: މީކާއީލް
ފިޔެސް 31 މޭ 2026 (އާދީއްތަ)   14:24
އެމްޑީޕީގެ އެއްވެސް މީހަކު ބާކީއެއް ނުވާނެ ކަމަށާއި ކޮންމެ މެންބަރަކަށްމެ ހައްގު ޖާގަ ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ 'އިތުބާރު' ކެމްޕޭންގެ 'ސައްލާ' އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ. މިފަހަރުގެ ސައްލާ މީކާއީލާއެކު ކުރިއަށް ގެންދެވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ޝައިމަންއާއެކު އެވެ.

ޝައިމަންގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޒުވާން އަންހެން މެންބަރު އަކުބަރީ މުހައްމަދު ވެސް ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަ ކުރައްވާފައެވެ.

ޝައިމަން އާއި މީކާއީލް ކުރެއްވި 'ސައްލާ'ގައި މީކާއީލް ވަނީ، އެމްޑީޕީގެ އިންތިޚާބީ މަޤާމުތަކުގައި ތިބި މީހުންނަށް މެސެޖެއް ދެއްވާފައެވެ. މީކާއީލް ވިދާޅުވީ "ބިރު ނުގަނެ ހަށިފޮޅާލާފައި ނުކުމެ އެ މީހަކު ބޭނުންވާ ކެނޑިޑޭޓަކަށް އެ މީހަކު ތާއީދުކޮށްގެން ނުކުންނަންވީ، ބާކީ ނުކުރެވޭނެ." ކަމަށެވެ.

މީކާއިލް މިހެން ވިދާޅުވެފައި މި ވަނީ މި އިންތިހާބުން ބަލިވާ ބަޔަކު ތިބެންވާނީ ޕާޓީގެ ކަންކަމާ ދުރުގައި ނުވަތަ ފަހަތު ސީޓުގައި ކަމަށްބުނެ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕްގައި ދެކެވުނު ވާހަކައާ ގުޅޭގޮތުންނެވެ.

މީކާއިލް ވިދާޅުވީ ގައުމީ މަޖިލީހުގައި ދެކެވުނު ވާހަކައާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވަކިފަޅިއެއްގައި ތިބޭ މީހުން ބާކީކޮށް ފަހަތު ސަފަށް ލެވިދާނެ ކަމަށް ޤަބޫލެއް ނުކުރައްވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ އެ މަނިކުފާނާއި އެކު ނުކުމެ ތިއްބެވީ ޕާޓީ މަގުމަތިކޮށްލުމުން ޕާޓީ ހިފަހައްޓަން މަސައްކަތް ކުރި ބޭފުޅުން ކަން ފާހަގަކުރައްވާފަ އެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ މީކާއިލް ވިދާޅުވީ އޭނާގެ ޗެއަރޕަރސަންކަމެއްގައި އެފަދަ ގޮތަކަށް އެއްވެސް ބަޔަކު ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ އަށް 2023ގެ އިންތިޚާބު ގެއްލުނީ އަމިއްލަ މަންފާ އަށް ބަޔަކު ޕާޓީގެ އާންމު މަސްލަހަތާއި މެދު ނުވިސްނުމުގެ ނަތީޖާ އެއްގެ ގޮތުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، އޭރު ޕްރައިމަރީ އިން ވީ ބަލި ގަބޫލު ނުކުރެވިގެން ބަޔަކު، ޕާޓީ އިން ވަކިވެ، ސީދާ އެމްޑީޕީ އަށް އިންތިޚާބު ގެއްލުވާލުމަށް މަސައްކަތް ކުރި ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް