
ނަޝީދު މިއަދު ވަނީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި ހއ. އަތޮޅަށް ދަތުރު ފައްޓަވާފައެވެ. އެ އަތޮޅު ހޯރަފުށީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެކި ކަހަލަ މަޝްރޫއުތައް ހިންގާ ކަމުގެ އަޑު އިވުނު ނަމަވެސް، މުހިންމީ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ.
ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނަޝީދު ބޭނުން ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކައަކީ "ބުހުތާނު ދޮގު ވާހަކައެއް" ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އުމްރާނީ މަސައްކަތް ކުރާއިރު، ދެން ދިމާވާނެ ނުރަނގަޅު ނަތީޖާތަކަށް އަބަދުވެސް ވިސްނާންޖެހޭނެ ކަމަށެވެ.
"ހާއްސަ ގޮތެއްގައި މާހައުލަށް، ތިމާވެއްޓަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާންޖެހޭނެ. ދެވަނައަށް ފާހަގަކުރަން ޖެހޭނެ ނުކުތާ އަކީ، އުމްރާނީ މަސައްކަތެއް ކޮށްފައި އޭގެ ނަފާ ރަށު ރައްޔިތުންނަށް ލިބިގެން އެ މަސައްކަތް އެއީ ދެކޮޅުޖެހޭ މަސައްކަތަކަށް ހަދަންޖެހޭނެ."
ނަޝީދު ވިދާޅުވިގޮތުގައި ކަންބޮޑުވުމަކީ، ހޯރަފުށީ އެއާޕޯޓާއި މަގުތައް ފަދަ އުފެދުނު ހަރުމުދަލުން ރައްޔިތުންނަށް ނަފާ ހޯދުމަށް ކުރަންވީ މަސައްކަތް ނުކުރެވި އޮންނަކަން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްދޭނީ، އެމްޑީޕީން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ފަސް، ހަ އަހަރު ތެރޭގައި ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް، ދެ ގުނަ ވާނެ ވިޔަފާރިތަކެއް ގެނެސްދޭނަން،" ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީ އެއީ އަބަދު ވެސް މި ރާއްޖެއަށް ބަދަލެއް ގެނެސްދޭނެ ޕާޓީއަކީ. އެމްޑީޕީއަކީ މިތަނުގައި އޮތް ވަރުގަދަ މުއައްސަސާއެއް. އެ މުއައްސަސާއަކީ މި ދެންނެވި ބާވަތުގެ ކަންކަން ކުރެވޭނެ މުއައްސަސާއެއް."
ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއަށް އެ ބާވަތުގެ ކަންކަން ކުރެވެން ނެތް ކަމަށެވެ.
"ހަގީގަތަކީ އެ ބޭފުޅުންގެ ގާތުގައި ނެތް، އެއްވެސް ތަނެއް ދޮރެއް މާ ބޮޑަށް މިކަހަލަ ކަމަކާ ގުޅޭގޮތުން ވިސްނޭ ކަހަލަ ބޭފުޅުން. ރައީސް ޔާމީނާ އެކީގައި ޕީއެންސީގައި ތިއްބެވި އޭގެ (ވިސްނޭ) ބޭފުޅުން ހިނގައްޖެ. އެހެންވީމަ މިހާރު މާ ބޮޑު ކަމެއް މި ސަރުކާރުން ކޮށްފާނެ ކަމަށް އަޅުގަނޑެއް ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.




