
މި ފެށޭ ޖޫންމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެންޕޭނަށް ކ. މާފުށްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އާ ގާނޫނު އަސާސީއާއެކު ލިބިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން، ވިޔަފާރީގެ އިތުރު ފުރުސަތުތައް މާފުށިން ފެންނަން އެބަހުރި ކަމަށާ، އާ ގާނޫނު އަސާސީއާއެކު ދިމާވި ކަންބޮޑުވުމަކީ ދައުލަތުގެ ދަރަނި ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާ ކަމަށެވެ.
އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މި ބޮޑު ދަރަނި އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ގައުމު އޮތީ ބޮޑު ދަރަންޏަކުން ދަރާފައިކަމަށާ، ނަމަވެސް ރައީސް ކަމުގައި އެ ހުންނެވި ރައީސް މުއިއްޒަކަށް ރާއްޖޭގައި މި ބޮޑު ދަރަނި އަދާ ނުކުރެވޭ ކަމަށެވެ. އަދި އެކަމެއް އެމަނިކުފާނަކަށް ނުވެސް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް ލިބޭ މިފަދަ ގެއްލުންތަކާ ދެކޮޅަށް އަޑުއުފުލުމަކީ އެމްޑީޕީން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާ، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެމްޑީޕީން ސީދާ ހަރަކާތްތަކަށް ނުކުންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށެވެ.
ރާއްޖޭގެ ދަރަނި އަދާކުރުމާއި އަދި ރައްޔިތުންނަށް ކަންބޮޑުވާ އެހެން ކަންކަން ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މި ދިވެހިރާއްޖެ ބަދަލުކުރި މުއައްސަސާއަކީ އެމްޑީޕީ ކަމަށާ އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ބަދަލުކުރާނެ ޕާޓީއަކީ ހަމަ އެމްޑީޕީކަމަށެވެ.




