
މި ސަރުކާރު އައުމަށް ފަހު ރައްޔިތުންގެ ޒާތީ ދިރިއުޅުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް އެއްވެސް ދިރާސާއެއް ހެދުމެއް ނެތި އެތައް ކަމެއް މަނާކުރަން ސަރުކާރުން އުޅޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވެސް ވާދަކުރެއްވުމުގެ ކެމްޕޭންގައި އުޅުއްވަމުން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ހިލާފު ހުރި ކަންކަން މަނާކޮށް، ހެޑްލައިން ހައްދަވާ ސަރުކާރެއްގެ ގޮތުގައި. ސިނގިރޭޓު ނުބޮވޭ ވަރަށް އަގުބޮޑު ކޮށްފި، ވޭޕަކީ ބްލެކް މާކެޓުގައި އެކަނިނ ލިބޭ އެއްޗަކަށް ހަދައިފި، ޝީޝާ މަނާކުރައްވަން މަޝްވަރާ ކުރައްވަނީ، ސްމާޓް ފޯން ބޭނުންކުރުން މަދުކުރަން ވަކާލާތު ކުރައްވަނީ،" ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ސިނގިރޭޓު ޑިއުޓީ ދެގުނަކޮށްފަ އެވެ. ނަމަވެސް އެ ޑިއުޓީ ކުޑަކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ. ވޭޕް މަނާކުރި ނަމަވެސް އަދިވެސް ކަޅު ބާޒާރުގައި ބަރާބަރަށް ވޭޕާއި އެއާ ގުޅޭ ސާމާނު ދަނީ ވިއްކަމުންނެވެ. ޝީޝާ މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެއެވެ.
އިއްޔެ ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްކޮންފަރެންސެއްގައި ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބޭންކުރާނެކަން ހާމަކޮށްފައެވެ.
"ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަވަނީ ހައްދެއް ހުދޫދެއް ނެތި. ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާނެ ކަމަށް ދައްކަވަން، ކުރިން މަނާކުރެއްވި ކަންކަން ބަދަލުކުރައްވަނީ،" ނަޝީދު ވިދާޅުވިއެވެ.




