
ރާޔާ އަކީ އޭނާގެ ދައްތަ ރާނިޔާ މަންސޫރާ އެކު 2015 ވަނަ އަހަރުން ފެށިގެން "އޮއިވާލި އާޓް ޝޮޕް" ހިންގަމުން އަންނަ އެ ވިޔަފާރީގެ އެއް ފައުންޑަރެވެ. އޮއިވާލި އާޓް ޝޮޕަކީ ސައްތައިން ސައްތަ ދިވެހި ކުރެހުންތަކާއި ފަރުމާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން އަންނަ، ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ މަގުބޫލު ލައިފްސްޓައިލް ބްރޭންޑެކެވެ.
މި ބްރޭންޑް އިތުރަށް ފުޅާކުރުމުގެ ގޮތުން 2024 ޖެނުއަރީ މަހު ސިންގަޕޫރުގެ އާޓްސް އެންޑް ކަލްޗަރަލް ހަބެއް ކަމަށްވާ އެރަބް ސްޓްރީޓްގައި ވެސް ވަނީ އެ ފިހާރައިގެ އައުޓްލެޓެއް ހުޅުވާފައެވެ. މާލޭގައި ހުންނަ ފިހާރައިގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައިވެސް އޮއިވާލި ބްރޭންޑްގެ ތަފާތު ބާވަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކައެވެ.
ރާޔާ ވަނީ އިގްތިސޯދީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައެވެ. އޭނާ ކުރެހުމުގެ މަސައްކަތް ދަސްކުރީ ޝައުގުވެރިކަމާއެކު ކުރި އަމިއްލަ މަސައްކަތުންނެވެ. ކާމިޔާބު އާޓިސްޓެއްގެ ގޮތުގައި ރާޔާގެ މަސައްކަތް ގިނަ ބަޔަކު ބަލައިގަނެފައިވާއިރު، އޭނާގެ ކުރެހުންތަކުން އެބްސްޓްރެކްޓް، އެކްސްޕްރެޝަނިސްޓް އަދި ކޮންޓެމްޕަރަރީ ސްޓައިލްތައް އެކުލެވިގެންވާ ތަފާތު ސިފަތަކެއް ފެނިގެންދެއެވެ. ކުރެހުން ފަށައިގަނެގެން އައި ދުވަސްވަރު، ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބިނާކޮށް މަސައްކަތް ކުރި ނަމަވެސް، ފަހަކަށް އައިސް އޭނާގެ ފަންނުވެރިކަން ވަނީ ހަކަތައާއި، ހަރަކާތްތެރިކަމާއި، އިހުސާސްތައް ދައްކުވައިދޭ ފަދަ ކުލަގަދަ ސްޓައިލްތަކަކަށް ބަދަލުކޮށްފައެވެ.
ރާޔާގެ ކުރެހުންތައް އެކި މީހުންނަށާއި މުހިންމު އިދާރާތަކަށް ވިއްކާފައި ވާއިރު އޭނާ ވަނީ ގިނަ އަދަދެއްގެ އެގްޒިބިޝަންތަކުގައި ވެސް ބައިވެރިވެފައެވެ. އޭނާގެ ކުރެހުންތަކެއް ބާލިންގެ ގެލޭރިއާ އަޒޫރްގައި މިފަހުން ވަނީ ދައްކާލާފަ އެވެ.
އޮއިވާލި އާޓް ގެލެރީގައި ރާޔާގެ ޕްރޮފައިލް
ފޯބްސް އޭޝިއާގެ އެޑިޓޯރިއަލް ޑައިރެކްޓަރު ރާނާ ވެހްބޭ ވަޓްސަން ވިދާޅުވި ގޮތުގައި، 11 ވަނަ އަހަރީ އެޑިޝަނެއްގެ ގޮތުގައި ނެރުނު މި ލިސްޓުން ދައްކުވައިދެނީ މި ސަރަހައްދުގެ ވިޔަފާރިއާއި ސަގާފަތަށް ޖެނެރޭޝަން ޒީގެ ޒުވާނުން ފޯރުވަމުންދާ ނުފޫޒާއި ބާރެވެ. މި ލިސްޓް ބަހާލާފައިވަނީ އާޓްސް، އޭއައި، އެންޓަޓެއިންމަންޓް އެންޑް ސްޕޯޓްސް، އަދި ފައިނޭންސް ހިމެނޭހެން ޖުމްލަ 10 ކެޓަގަރީއަކަށެވެ. އަދި ކޮންމެ ކެޓަގަރީއަކުން ވެސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ އުފެއްދުންތެރި 30 ޒުވާނުން ހޮވާފައިވެއެވެ.
މިއީ ފޯބްސްގެ 30 އަންޑާ 30 ލިސްޓުގައި ދިވެއްސަކު ހިމެނުނު ތިންވަނަ ފަހަރެވެ. އެ ލިސްޓުން ފުރަތަމަ ޖާގަ ހޯދި ދިވެއްސަކީ ސަފާތު އަހްމަދު ޒާހިރު އެވެ. އޭނާ އެ ލިސްޓުގައި ހިމެނުނީ 2017 ވަނަ އަހަރު ސޯޝަލް އޮންޓްރަޕްރަނާސް ކެޓަގަރީއިންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ލިސްޓުގައި ރީޓެއިލް އެންޑް އީކޮމާސް ކެޓަގަރީގެ ދަށުން މުހައްމަދު އަފްޒަލް ވަނީ ހިމެނިފަ އެވެ.




