
ވޯލްސްޓްރީޓް ޖާނަލްގައި މިމަހުގެ 28 ވަނަ ދުވަހު، ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އޭގެ 100 އުޅަނދުގެ ފްލީޓެއް ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް އޮޕަރޭޓް ކުރަން ފަށާނެ އެވެ.
އެ އުޅަނދު ފަރުމާކުރި ނޭވިއަރ ކުންފުންޏާ ހަވާލާދީ، އެ ނޫހުން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދަނީ، ދިވެހި ޑިވެލޮޕަރެއް ކަމަށްވާ ޖޭއައިއެޗް ގްލޯބަލް އިންނެވެ. ނޭވިއަރ އާއި ޖޭއައިއެޗް އިން މިހާރު ވަނީ ގާތްގަނޑަކަށް 100 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޖޭއައިއެޗް ގްލޯބަލް އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ގެ އާއިލީ ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާމަން ކަމުގައި ޖަނާހް ހުންނެވިއިރު، އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު- ސްޓްރެޓަޖީ އެންޑް ކެޕިޓަލްގެ މަގާމުގައި ހުންނެވީ ޖަނާހްގެ ދަރިކަނބަލުން ނޫރެއިން ޖަނާހް އެވެ. އަދި އެ ކުންފުނީގެ އެސެޓް ޑިވްލޮޕްމަންޓް އެންޑް ޑައިވާސިފިކޭޝަންގެ މަގާމުގައި ހުންނެވީ ޖަނާހްގެ ދަރިކަލުން އަހުމަދު ޖާސިމް ޖަނާހް އެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ބޮޑެތި ރިސޯޓްތަކެއް ތަރައްގީކޮށްފައިވާ، އަދި ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.
މި މަޝްރޫއު ވެގެންދާނީ، ޒަމާނުއްސުރެ ޑީސަލް ފެރީތަކާއި ލޯންޗުތަކަށް ބަރޯސާވެފައި އޮތް ކަނޑު ދަތުރުފަތުރުގެ ދާއިރާއަށް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްނޮލޮޖީ ތައާރަފު ކުރުމަށް އިންވެސްޓަރުންނާއި ސިނާއަތުގެ ޝައުގުވެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމަކަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓްމަންޓަށްވައިރު، މި ވިއުގަ ފަރުމާކޮށްފައިވަނީ ކަނޑުދަތުރުފަތުރަށް ބަރޯސާވެފައިވާ ރާއްޖޭގެ އެއާޕޯޓްތަކާއި، ރިސޯޓްތަކާއި އަދި މީހުން ދިރިއުޅޭ ރަށްތައް ގުޅުވައިދިނުމަށެވެ.
މި އުޅަނދުތަކަކީ ނިއުޔޯކްގެ އާޓެމިސް ޓެކްނޮލޮޖީސް އާއި ސްވިޑަންގެ ކަންޑޭލާ އަދި ނިއުޒިލޭންޑްގެ ވެސެވް ފަދަ ސްޓާޓްއަޕްތަކުން ވެސް އެމެރިކާ، ޔޫރަޕް އަދި އެހެނިހެން ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ފަދަ އުޅަނދުތަކެކެވެ.
ނޭވިއަރ ކުންފުނިން ގަބޫލުކުރާ ގޮތުގައި ބެޓެރީ ސިސްޓަމްތަކާއި ލުއި މާއްދާތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތައް މާލީގޮތުން މާ ފައިދާހުރި އެއްޗަކަށް ހެދިދާނެއެވެ.
ނޭވިއަރގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިއާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ބޯޓު އުފެއްދުމުގެ ބަދަލުގައި، މިންގަނޑުތަކަކަށް ފެތޭ ކަނޑުދަތުރުފަތުރުގެ ޕްލެޓްފޯމެއް ބިނާކުރުމެވެ.
ހައިޑްރޯފޮއިލް އުޅަނދުތަކުގައި ބޭނުންކުރަނީ ފެނުގެ އަޑީގައި ހުންނަ ފިޔަގަނޑެއް ފަދަ އޮނިގަނޑެކެވެ. މީގެ ސަބަބުން ބޯޓުގެ ދުވެލި ބާރުވުމުން ބޯޓުގެ ބަނޑުފިލާ ފެނުން މައްޗަށް އުފުލާލައި، ރާޅާޖެހުން ކުޑަކޮށްދީ ހަކަތަ ސަލާމަތްކޮށްދެއެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން ކުދި ބޯޓުފަހަރުގައި އާންމުކޮށް ދިމާވާ ލޮޅުންތައް ކުޑަވެ، ދަތުރުވެރިންނަށް އަމާން އޮމާން ދަތުރެއް ތަޖުރިބާކުރެވޭނެއެވެ.
ނޭވިއަރގެ ފުރަތަމަ ޕްރޮޑަކްޝަން އުޅަނދު، އެން30 ޕަޔޮނިއަރ.-- ފޮޓޯ: ނޭވިއަރ
ނޭވިއަރގެ ފުރަތަމަ އުޅަނދަކީ "އެން 30 ޕައިނިއާ" ގެ ނަން ދީފައިވާ ލޯންޗެކެވެ. މިއީ 30 ފޫޓުގެ އިލެކްޓްރިކް ހައިޑްރޯފޮއިލް ކްރާފްޓެކެވެ. މީގައި ކެޕްޓަނުގެ އިތުރުން 8 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ މިހާރު އެމެރިކާގައި ދުއްވާ، އެންމެ ދުރަށް ދަތުރުކުރެވޭ އޯލް-އިލެކްޓްރިކް ހައިޑްރޯފޮއިލް އުޅަނދެވެ. މީގެ އިތުރުން، ނޭވިއަރ އިން ދަނީ 60 ފޫޓާއި 120 ފޫޓުގެ ބޮޑެތި މޮޑެލްތަކާއި އަދި ޗާޖިން އިންފްރާސްޓްރަކްޗާ މަދު ރޫޓުތަކަށް ހާއްސަކޮށްގެން ޑީސަލް ހައިބްރިޑް-އިލެކްޓްރިކް ބޯޓުތައް ވެސް ތަރައްގީކުރަމުންނެވެ.
ބަޓަޗާރިޔާ ވިދާޅުވި ގޮތުގައި، ނޭވިއަރގެ އުޅަނދުތައް ފުރަތަމަ އަމާޒުކުރާނީ މަތީ ފަންތީގެ ރިސޯޓްތަކާއި ހޮސްޕިޓާލިޓީ ހިދުމަތްދޭ ފަރާތްތަކަށެވެ. އަދި މި ހިދުމަތް ބައްޓަންކުރާނީ ކަނޑުމަތީގެ "ބްލެކް ކާ ނެޓްވޯކް" (ވީއައިޕީ ހިދުމަތެއް) އެއްގެ ގޮތުގައެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގައި ގެންނަ 5 އިލެކްޓްރިކް ބޯޓު ޗާޖުކުރާނީ މިހާރުވެސް މެރީނާތަކުގައި ހުންނަ ޝޯ-ޕަވަރު (އެއްގަމުން ކަރަންޓުދޭ) ސިސްޓަމްތައް މެދުވެރިކޮށެވެ. ނަމަވެސް ފަހުން ފާސްޓް-ޗާޖިންގެ ޚިދުމަތް އިތުރުކުރަން ވަނީ ރާވާފައެވެ. ބަޓަޗާރިއާ ވިދާޅުވި ގޮތުގައި މި ބޯޓުތަކަކީ ޓެސްލާގެ "ނޯތު އެމެރިކަން ޗާޖިން ސްޓޭންޑަޑް" އާ އެއްގޮތްވާގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. ޗާޖިން އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަރުހަލާ ހިނގަމުންދާއިރު، ކުންފުނިން ރާއްޖެ އަށް ޑީސަލް-ހައިބްރިޑް ބޯޓުތައް ވެސް ތައާރަފުކުރާނެ އެވެ. އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ.
ދަތުރުފަތުރުގެ ވަސީލަތްތައް އަދިވެސް ބޮޑަށް ބަރޯސާވެފައިވަނީ ފޮސިލް ފިއުލްއަށް ކަމަށްވީ ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންގެ ލަނޑުދަނޑިތައް ހާސިލު ކުރާނެ ކަމަށް ރާއްޖެއިން ވަނީ އިއުލާންކޮށްފަ އެވެ.




