އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އިޒްރޭލުގެ ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓުގައި - ފޮޓޯ: އެފްޓީ.ކޮމް
އިޒްރޭލުގެ ވައިގެ ބަނދަރަށް މާލީ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ޖުނާން އަޙުމަދު 30 މޭ 2026 (ހޮނިހިރު)   20:19
ޔަހޫދީ އިސްރާއީލުގެ މައި ވައިގެ ބަނދަރުކަމުގައިވާ "ބެން ގުރިއޮން” ވައިގެ ބަނދަރަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތި ލާން ޖެހިއްޖެ އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޮޑު ގެއްލުމާ ކުރިމަތިލާން އިސްރާއީލަށް ޖެހުނީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ހުރުމުގެ ސަބަބުންނެވެ.

އެގޮތުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޔަހޫދީންގެ މައި އެއާޕޯޓު ހިންގާ ކުންފުންޏަށް 248 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައި ވާއިރު، އެތަނުގައި ގިނަ އަދަދެއްގެ ޓޭންކަރ މަތިންދާބޯޓު އެމެރިކާއިން ގާއިމްކޮށްފައި ވެއެވެ.

އެ އެއާޕޯޓު ހިންގާ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ޝެރޮން ކެޑްމީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާގެ ރިފިއުލިން މަތިންދާބޯޓުތައް ބެން ގުރިއޮން ވައިގެ ބަނދަރުގައި އޮތުމުން އެ ވައިގެ ބަނދަރުގެ މަސައްކަތްތައް ތިންބައި ކުޅަ އެއްބަޔަށް ވަނީ މަޑުޖެހިފައެވެ.

މިތަކެތި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންކުރުމަށްޓަކައި ބޭނުންވާ ޖާގައާއި ވަސީލަތްތައް އެކަމަށް ހާއްސަކުރުމުގެ ސަބަބުން އެ ވައިގެ ބަނދަރުގެ ހަރަކާތްތަކުގެ 70 އިންސައްތަ ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްއެޅިފައި ކަމަށް ވެސް ޝެރޮން ކެޑްމީއާ ބުނެއެވެ.

ބެން ގުރިއޮން ވައިގެ ބަނދަރުގައި އެމެރިކާގެ އަސްކަރީ މަތިންތާ ބޯޓުތައް ހުރުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރާ ކަމަށް ޔަހޫދީންގެ މަދަނީ ވައިގެދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ ޝްމުއެލް ޒެކޭއާ ހަވާލާދީ މި މަހުގެ ކުރީ ކޮޅު ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާއިރު، ބޭރުގެ އެއާލައިންތަކުން ވެސް އެ ވައިގެ ބަނދަރަށް އަވަސް މުސްތަގުބަލެއްގައި އަލުން ދަތުރުތައް ފެށިދާނެކަމަށް ނުބެލެވޭ ކަމަށް ވެސް އޭރު ވެސް ވަނީ ބުނެފައެވެ.

މިފަހަރުގެ މި ކަންބޮޑުވުންތައް ފާޅުކޮށްފައި ވާއިރު، ފްލައިޓްތައް ޑިލޭ ވުމާއި ކެންސަލްވުމުގެ ސަބަބުން 3 މިލިޔަން ފަސިންޖަރުންނަށް އަސަރުކުރާނެ ކަމަށާ، އެކަން ދެމިގެންދާ ނަމަ ލިބޭ ގެއްލުމުގެ އަގު އެތައް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް