ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ޖަހައިފި
2.5 އިންސައްތައަށްވުރެ މައްޗަށް އަރައިފި މިއީ އަނެއްކާވެސް އިންޒާރެއް – މާހިރުން
ޖުނާން އަޙުމަދު 8 ޖުލައި 2026 (ބުދަ)   12:15
ހޮރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ލޮޅުންތަކާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

ދުނިޔޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ތެލުގެ ބާޒާރުގައި މިފަދަ މިންވަރަކަށް އަގު އުފުލެން މެދުވެރިވި ސަބަބެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނަނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ވިޔަފާރި ތިން އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، އޭގެ ރައްދުގައި އެމެރިކާގެ ފައުޖުތަކުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

އީރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ އެކި ތަންތަނުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައި ވާއިރު، އޭގެ ތެރޭގައި ގިޝްމް ޖަޒީރާގައި ހަ ގޮވުމެއް، ސީރިކް ސިޓީގައި ހަތް ގޮވުމެއް، އަދި ބަންދަރު އައްބާސް ފަދަ މުހިންމު ބަނދަރުމަތީ ސިޓީތައް ވެސް ހިމެނެއެވެ.

ވަކިން ހާއްސަކޮށް، ދުނިޔޭގެ ތެލުގެ އަގު އުފުލި، ދުނިޔޭގެ މާލީ ބާޒާރުތަކަށް ނުތަނަވަސްކަން ވެރިވާ ސަބަބުތަކަކީ އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ހިނގުން ކަމަށްވާއިރު، އެ ދެގައުމުގެ ދެމެދުގައި އަނެއްކާ ވެސް އަންނަނީ އެކި ގޮތްގޮތުން ހަމަލާތައް ބަދަލުކުރަމުންނެވެ.

އެގޮތުން އީރާނަށް އެމެރިކާއިން ދިން އާ ހަމަލާތަކުގެ ކުރިން، އެ ގައުމުގެ ތެލުގެ ވިޔަފާރިއަށް ދީފައިވާ ހުއްދަތައް އެމެރިކާއިން ބާތިލުކޮށްފައި ވާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުގެ ތެލުގެ ވިޔަފާރިއަށް ދީފައިވާ ވަގުތީ ލުއިތައް ވެސް އެމެރިކާއިން މިހާރު ވަނީ ބާތިލުކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، އޯގަސްޓް 21 ގެ ނިޔަލަށް އީރާނަށް ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް އުފައްދައި، ވިއްކައި އަދި ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށް ޖޫން މަހު އެމެރިކާގެ ޓްރެޒަރީން ދޫކުރި ލައިސަންސް، ވެސް އަންގާރަ ދުވަހު ހިފަހައްޓާފައިވާއިރު، އެމެރިކާއިން ބުނަނީ، ކަނޑުއޮޅީގައި އީރާނުން ހިންގާފައިވާ އަމަލުތަކަކީ އެމެރިކާއަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާ، އެކަމުގެ ނަތީޖާއާ އިރާނުން ކުރިމަތިލާން ޖެހޭނެކަމަށެވެ.

އެހެންކަމުން، އެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސް އެކަމާގުޅިގެން، ބުދަ ދުވަހު ބާޒާރު ހުޅުވުނުއިރު އެމެރިކާގެ ތެލުގެ އަގު %2.5 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ މައިގަނޑު އެއް މިންގަނޑު ކަމަށްވާ 'ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް' (ޑަބްލިއު.ޓީ.އައި) ކްރޫޑް ތެލުގެ އަގު %2.63 މައްޗަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 72.29 ޑޮލަރުގައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް