މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އެއިރު އަށް ރުފިޔާއަށް ސިނގިރޭޓް ބޮޑު ކުރީ ވޭޕް މަނާ ކުރުމާއި ގުޅިގެން ކަމަށާ، އެއިރު ވޭޕް ބޭނުން ކުރަމުން އައި ގިނަ މީހުން ސިނގިރޭޓް ބޭނުން ކުރަން ފަށާފާނެ ކަމަށް ލިބިފައި އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާއެކު ކަމަށާ، ނަމަވެސް ޓޮބޭކޯ ކޮންޓްރޯލްގައި ދުންފަތުން މީހުން ދުރު ކުރުމަށް ދައުލަތްތަކުން ބޭނުން ކުރާ މި ޓެކްސް ރޭޓަކީ، އެއީ އަބަދުވެސް އެއިރެއްގެ ހާލަތަށް ބަލާފައި އެޖެސްޓް ކުރަމުން އަންނަ އެއްޗެއް ކަމަށެވެ.
އެގޮތުން ޑަބްލިއުއެޗްއޯ ރެކޮމޮންޑޭޝަންއަކީ މިހާރު ލިބިފައިވާ ލަފާ ކަމަށް ވިދާޅުވެ އިހުސާން ވިދާޅުވީ، އެ ލަފާގައި ވަނީ 2026 ގައި އެ ބޭފުޅުންގެ ލަފައަކީ 4ރ. ކަމަށެވެ.
އިހުސާން މިހެން ވިދާޅުވި ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ މި ސަރުކާރުގައެވެ. އޭގެ ތެރޭގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުން ހިމެނެއެވެ.
އެ ބަދަލު ގެނައުމާއެކު ސިނގިރޭޓުގެ އަގު ވަރަށް ބޮޑު އުފުލުނެވެ. އެގޮތުން ސިނގިރޭޓު ކާޓަންއެއްގެ 995 ރުފިޔާއިން 2240 ރުފިޔާއަށް އެ މަހު އެރިއެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށްފައިވާއިރު، ސިނގިރޭޓު ފޮއްޓެއްގެ އަގު 110އިން ގާތްގަނޑަކަށް 300 ރުފިޔާއަށް ބޮޑުވިއެވެ.
އެހެންނަމަވެސް އެ ބަދަލުތަކާއެކު ސިނގިރޭޓު ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދި، އަގު ހެޔޮކޮށް ސިނގިރޭޓު ވިއްކުން އިތުރުވިއެވެ. އަދި މީގެ އިތުރުން އެ ބަދަލަށް ސަރުކާރު ތެރެއިން ވެސް ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަކޮޅު ދައުލަތުގެ އާމްދަނީ ދަށްވުމުން، އެއީ ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ސިނގިރޭޓު ޑިއުޓީއަށް ބަދަލު ގެނައުމަށް ފަހު، ހަމަ އެ އަހަރު ތެރޭގައި ސަރުކާރުން ވަނީ ރާއްޖޭން ވޭޕް މަނާކޮށްފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ، 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތާއި ދުރު، މުޖުތަމައެއް ބިނާ ކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ.
އެ ކެމްޕެއިން އިފްތިތާހްކޮށްފައިވަނީ 4 ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. ގީލާ ވަނީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށް އަޅުއްވާފައިވާކަން ފާހަގަކުރައްވާ އެ ފިޔަވަޅުތަކުގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކަށް ވުރެ ހަނގު ނަމަ ދުންފަތުގެ އިސްތިމާލު ކުރުން މަނާވުމާއި، ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތައް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމީއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.




