މިނިވަންކަމުގެ އިހުސާސެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ: މޭޔަރު ނިޒާރު
ޖުނާން އަޙުމަދު 26 ޖުލައި 2026 (އާދީއްތަ)   12:44
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، މިނިވަންކަމުގެ އިހުސާސް ނުކުރެވޭ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު މި މޭރުމުން ވާހަކަ ދެއްކެވީ، އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ މެދަށްވާގޮތަށް އޮންނަ ސަވާހެލި، ޓޫރިމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އައްޑޫ ސިޓީގެ އިހުތިސާސުން ވަކި ކުރެއްވުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ނިޒާރު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން އަބަދުވެސް ޖެހެނީ ސަރުކާރަށް ސަލާން ޖަހަން ކަމަށެވެ.

"އަތޮޅުތަކުގެ ރައްޔިތުން ހަމަ އަބަދު މި ޙާލަތުގައި އުޅެން މިޖެހެނީ. ސަރުކާރުން ސަލާންޖަހަން، ރައީސުލްޖުމްހޫރިއްޔާ ބޮޑު ރަސްކަލެއްކަން ހަދައިގެން އަޅުގަނޑުމެން އަބަދު ކުރުނީސްކޮށް އަޅުގަނޑުމެން ހުޝާމަދުކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވޭ ހާލަތަކަށް ނުދޭ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ޕީއެންސީގެ ފިކުރުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަތޮޅުތަކުގެ ރައްޔިތުންނަށް "މި ބިކަ ހާލުގައި ޖައްސާ" ކަމަށެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ހާލަތާ ދޭތެރޭ ނުވިސްނާ މިނިވަންކަމުގެ އިހުސާސް ކުރާ ވާހަކަ އާއި މިނިވަން ދުވަސް ފާހަގަ ކުރާކަންވެސް ނިޒާރު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ހަމަ މި ވާހަކަ ނުދައްކަން ތިބޭ. އެހެންނަމަވެސް ހަމަ ފާހަގަކުރެވޭ، މިހާލުގައި އަޅުގަނޑުމެން ބައިތިއްބައިގެން މިނިވަންދުވަސް ފާހަގަކުރާ ވާހަކަދައްކާ، އަދި މިނިވަންކަމުގެ އިހްސާސްކުރެވޭ ވާހަކަދައްކާއިރު، އަޅުގަނޑުމެން އަތޮޅުތަކުގެ ރައްޔިތުންގެ ހާލަތާ ދޭތެރޭ ނުވިސްނާ." ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ސަރުކާރަށް ގޮވާލައްވާފައި ވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ފުރުސަތުތައް އެގޮތުގައި ލިބިދިނުމަށާއި އައްޑޫ ސިޓީގެ ތަރައްގީއަށް އައްޑޫ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް ނޭޅުމަށެވެ.

ކޮމެންޓް