އާސަންދަ އާއި އެންސްޕާ.--
އެންސްޕާގެ ގިނަ ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފި
މަރްޔަމް މުޙައްމަދު 1 ޖޫން 2026 (ހޯމަ)   06:23
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް މިއަދުން (1 ޖޫން 2026) ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން ދެމުން އަންނަ ހިދުމަތްތައް މާދަމާއިން ފެށިގެން އާސަންދައިގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންސްޕާއިން ކުރިން ދިން 16 ހިދުމަތެއް ހިމެނޭ ކަމަށް އެ އިއުލާނުގައިވެ އެވެ. 

އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވާ ޚިދުމަތްތައް:

  1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
  2. ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
  3. ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
  4. ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ
  7. ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ
  8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން ( އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
  9. ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން) އެހީވުން
  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
  11. އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
  12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
  13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
  14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
  15. ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފަރކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
  16. ވެލްފެއަރގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑަރކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

މި ބަދަލު ގެންނަކަން އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިބަދަލާއެކު ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން ލިބޭ ގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ. 

"މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހެންވީމަ މިގޮތަށް ބަދަލުވުން އެއްތަނަކުން މީހުންގެ މައުލޫމާތުވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ، އާންމު ރައްޔިތުންނަށް މި ގެނައި ބަދަލަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް." ހެލްތު މިނިސްޓަރ ވިދާޅުވެފައި ވެއެވެ. 

އެންސްޕާގެ ދަށުން ދެމުން އައި މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އާސަންދަ ސްކީމުގެ ދަށަށް ބަދަލުވުމާއެކު، މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ދެން ޖަވާބު ދޭނީ އާސަންދަ ކުންފުނިން ކަމަށް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ދެން މި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ދޭނީ އާސަންދަ ފަރާތުން ކަމަށް ވެއެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު، 1400 އަދި 1402 ނަންބަރަށް ގުޅައިގެން ލިބޭނެ ކަަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް