ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި.--
ހާލަތު ބަދަލުކުރަން ސޯބެއަށް ވޯޓުދޭން ރައީސް ޔާމީން ގޮވާލައްވައިފި
ޖުނާން އަޙުމަދު 1 ޖޫން 2026 (ހޯމަ)   14:42
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އަށް ވޯޓް ދެއްވުމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ވެރިކަންކުރާ ޕީއެންސީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދިނުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

"އެ ތަނަށް (ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި) ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް. އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށް ވަންޏާ، ޕީއެންސީގެ ކެންޑިޑޭޓަށްވުރެ އަޅުގަނޑަށް ރަނގަޅީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

"މިފަހަރު ހަމަ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކުރަން އޮތް އިލްތިމާސަކީ ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވާށޭ. ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވާށޭ، އެތަނުގައި ވާދަކުރައްވަނީ އެމްޑީޕީ ކެންޑިޑޭޓް، މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށްވަނީ ނަމަ ކުރީގަ އަޅުގަނޑު އިލްތިމާސްކުރި ގޮތަށް އެތަނުގައި އަޅުގަނޑު އިޚްތިޔާރު ކުރަނީ ހަމަ އެމްޑީޕީ ކެންޑިޑޭޓް."

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މިއަދު ފާހަގަ ކުރައްވާ، އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ޔާމީން، އެމްޑީޕީ ކެންޑިޑޭޓަށް ތާއީދުކުރެއްވި ވީޑިއޯ ކްލިޕާއެކު ނަޝީދު ކުރެއްވި ޕޯސްޓްގައި "އެންމެންގެ ވޯޓް ތިލަފަތަށް" ކަމަށް ވިދާޅުވެފައި ވެއެވެ.

މި ސަރުކާރާ ދެކޮޅަށް ޔާމީންގެ އިތުރުން އެމްޑީޕީގައި ތިއްބެވި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ވެސް ވަނީ ފައްޓަވައިފަ އެވެ. އެ ހަރަކާތަށް އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕީއެންއެފްގެ ކައުންސިލުން ވެސް ވަނީ ރުހުން ދީފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.

ކޮމެންޓް