
ސޯބެގެ ކެމްޕޭނު ނިންމާ ބޮޑު ޖަލްސާ މިރޭ ހިތަދޫ ސްކޫލްގައި ބޭއްވުމަށް އިންތިޒާމުކޮށްފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީޕީގެ ވަފުދެއް ރޭ ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. އެ ވަފުދުގައި އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.
މިއަދު މެންދުރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ.
އަދި މިއަދު ހަވީރު ރައީސް މުހައްމަދު ނަޝީދުވެސް އައްޑޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމާއެކު، މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގައި ކުރީގެ ދެ ރައީސުންނާއި އެމްޑީޕީގެ ލީޑަޝިޕްގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސޯބެ މީޑިއާއަށް މާއުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ކެމްޕޭނުގެ ޑޯޓުޑޯ ހަރަކާތްތައް ކެމްޕޭނު ޓީމުން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ޕާޓީގެ ލީޑަޝިޕް ބޭފުޅުންނާއެކު ޑޯޓުޑޯ ހަރަކާތްތައް މިއަދާއި މާދަމާވެސް ކުރިއަށް ދާނެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި ސޯބެއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތީ އެއްވެސް ޕްރައިމަރީ އަކާ ނުލައެވެ. އޭނާ ވާދަކުރައްވާނެކަން އިއުލާންކުރެއްވުމާއެކު ދެ ރައީސުން ނާއި އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުންނާއި އެ ދާއިރާގެ ގިނަ ބަޔަކު ވަނީ ސޯބެއަށް ތާއީދުކޮށްފަ އެވެ.
މި ބައި-އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ކުރިން އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ބައި-އިލެކްޝަނަށް ވާއިރު މި އިންތިޚާބަކީ ދެ ޕާޓީއަށް ވެސް މުހިންމު އިންތިޚާބަކަށް ވަނީ ވެފައެވެ.




