މިފަހަރުގެ ވޯލްޑްކަޕްގައި އޭއައި ޓެކްނޮލޮޖީގެ ބޭނުން ހިފުން - ފޮޓޯ: އެހްއެންލެބް
މިފަހަރުގެ ވޯލްޑް ކަޕްގައި އޭއައި ޓެކްނޮލޮޖީގެ ބޭނުން ހިފަނީ
ޖުނާން އަޙުމަދު 1 ޖޫން 2026 (ހޯމަ)   17:44
ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް "ވޯލްޑް ކަޕް" ގައި މިފަހަރު ބޭނުންކުރާ ރަސްމީ ބޯޅައިގައި ވެސް އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޓެކްނޮލޮޖީ ހިމަނައިގެން ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަހަރު ބޭނުންކުރާ ސްމާޓް ބޯޅައިގެ އެންމެ އެތެރޭގައި އިލެކްޓޯނިކް ސެންސަރެއް ހަރުކުރެވިފައި ވާނެކަމަށާ، މިއީ ސިކުންތަކު 500 ފަހަރު ބޯޅައިގެ މަގާމާއި ހަރަކާތްތަކުގެ މައުލޫމާތު ރެކޯޑްކޮށް ދެނެގަންނާނެ ސެންސަރެއް ކަމަށް ވެސް ފީފާއިން ބުނެއެވެ.

އެހެންކަމުން މެޗުތަކުގެ ތެރޭގައި ރެފްރީންނަށް ދިމާވާ، މުހިންމު އަދި އުނދަގޫ ނިންމުންތައް ނިންމުމުގައި މި އީޖާދުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށާ، އެކަމުގެ ސަބަބުން ކުޅުންތެރިއެއްގެ ފައިގައި ނުވަތަ ހަށިގަނޑުގައި ބޯޅަ ބީހިލާ ކޮންމެ ފަހަރަކު، އެކަން ވަރަށް ރަނގަޅަށް ދެނެގަނެވޭނެ ކަމަށް ވެސް ފީފާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން މެޗުތަކުގެ ފެންވަރު މަތިވެ، ނިންމުންތައް ނިންމުމަށް ހޭދަވާ ވަގުތު ވެސް ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެ ކަމަށް ވެސް ފީފާއިން ބުނެއެވެ.

މި އޭއައި ސިސްޓަމް މެދުވެރިކޮށް، ކުޅުންތެރިން އޮފްސައިޑް މަގާމެއްގައި ތިއްބައި ބޯޅަ ލިބޭތޯ ނުވަތަ ނޫންތޯ ސިކުންތުކޮޅެއްގެ ތެރޭގައި ވީއޭއާރް ރޫމަށް އަންގައިދޭއިރު މި ސެންސަރުން ފޮނުވައިދޭ މައުލޫމާތުތައް ދަނޑު ވަށައިގެން ހަރުކުރެވިފައިވާ ކެމެރާތަކާ ވެސް ގުޅާލެވިގެންދާނެ ކަމަށް ފީފާއިން ބުނެއެވެ.

މިފަހަރު ބޭނުންކުރެވޭ އޭއައި ޓެކްނޮލޮޖީއަކީ، ފުޓްބޯޅައިގެ ތާރީހުގައި ކުޅިވަރުގެ އިންސާފުވެރިކަން ދެމެހެއްޓުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ފުޅާދާއިރާއެއްގައި ހިފާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް