ޝާމިން އާއި މުޝައްފައު ބަންދުން ދޫކޮށްލުމުން.-- ފޮޓޯ: ސޯޝަލްމީޑިއާ
މުޒާހަރާކޮށްގެން ބަންދުކުރި ޝާމިން އާއި މުޝައްފައު ދޫކޮށްލައިފި
ޖުނާން އަޙުމަދު 1 ޖޫން 2026 (ހޯމަ)   18:18
އަދަދު ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ނޫސްވެރިންގެ ދިފާއުގައި މެއި 14، ވަނަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެރެއިން ޝާމިން އާއި މުޝައްފައު ހައްޔަރުކުރުމަށްފަހު އެރޭ ދޫކޮށްލި އެވެ. އެކަމަކު އޭގެ ފަހުން ހަމަ އެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރި އެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން އެދުނު ގޮތަށް ކޯޓުން 15 ދުވަސް ބަންދަށް ޖެހި އެވެ. ވަކީލު އަހްމަދު މައުރޫފް ވިދާޅުވެފައިވަނީ އެ ދެ މީހުންނަށް ދިފާއުވުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ސިލްސިލާގޮތެއްގައި ކުރިއަށްދިޔަ މުޒާހަރާ ތަކުގެ ތެރެއިން އެކި ރޭ އެކި އަދަދުތަކަށް މީހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި ގިނަ މީހުން، 24 ގަޑިއިރު ހަމަވުމުގެ ކުރިން ދޫކޮށްލި ނަމަވެސް ބައެއް މީހުންނަށް ވަނީ މުއްދަތު ޖަހައި، ހައްޔަރުކޮށްފައެވެ.

ޝާމިން އާއި މުޝައްފައު ބަންދުން ދޫކޮށްލުމުން ނޫސްވެރިންގެ ދިފާއުގައި މުޒާހަރާކުރި އެންމެން މިހާރު މިނިވަންވީ އެވެ. އޭގެއިތުރުން ދެ ނޫސްވެރިންގެ މައްޗަށް އިއްވި ހުކުމް ހަމަވެ، އެ ދެ ނޫސްވެރިންވެސް ވަނީ މިނިވަންވެފަ އެވެ.

ކޮމެންޓް