
މި މުޒާހަރާގެ ބައިވެރިން "އާންމު ބިން ބަންދުކުރުމާ ދެކޮޅަށް" މާލޭ މަޖީދީމަގުން ހިނގާލާފައިވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވައިލާ ގިނަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާ އެކުއެވެ. އޭގެ ތެރޭގައި ރުއްގަސް އުފުރުން ހުއްޓާލުމަށާއި ވެށި މެރުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ފިށިމަތި ސަރަހައްދު ހިމާޔަތް ކުރުމަށާއި ހިޔާދޭ ގަސްތައް ނުކެނޑުމަށާއި ދިވެހީންގެ މުސްތަގުބަލު ނަގައިނުލުމަށް ގޮވާލާފައި ވެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް އިއްޔެ ފާހަގަކުރުމާ ދިމާކޮށް ތިމާވެށީގެ ދިފާއުގައި މުޒާހަރާ ކުރުމުގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންތަކެއް ދެމުންދާތީ 33 ޖަމުއިއްޔާއަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޖަމުއިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ހުރި ގާނޫނީ އޮނިގަނޑުތައް މުގުރާލައި، ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ދެމިއޮތުން ބިނާވެފައިވާ ފަރުތަކާއި، ކުޅި ތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ސަރުކާރުން ދެމުންދާ ހަމަލާތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރުވެރި ނުރައްކަލެއް ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާގެތެރެއިން.-- ފޮޓޯ: ސޯޝަލްމީޑިއާ
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކުރާ އެޖެންސީގެ މިނިވަންކަން ނަގާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެށްޓަށް ގެއްލުންދެނިވި ކަންކަން ކުރުމަށް ހުއްދަދިނުމާއި، މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމަކީ ސިޔާސީ ބޭނުމަށްޓަކައި ހިންގާ ތިމާވެށީގެ ގަތުލުއާންމެކެވެ.
ހާއްސަކޮށް އައްޑޫ ސިޓީގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވާއި ވިލިމާލެ ފަދަ ނާޒުކު ސަރަހައްދުތަކަށް އަމާޒުކޮށް ހިންގާ ބިޔަ މަޝްރޫއުތަކަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި ކުރިއަށްގެންދާ މަޝްރޫއުތަކެއްގެ ގޮތުގައި ޖަމިއްޔާތަކުން ސިފަކޮށްފައި ވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސްގެ އިތުރުން އެހެން ޖަމިއްޔާތައް ގުޅިގެން ނެރުނު އެ ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ދެމިއޮތުން ބިނާވެފައިވާ ފަރުތަކާއި، ކުޅި ތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ސަރުކާރުން ދެމުންދާ ހަމަލާތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރުވެރި ނުރައްކަލެއް ކަމަށެވެ.
ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު، ފަރުތަކާއި ކުޅިތަކާ ނުލައި ރާއްޖެއެއް ނޯންނާނެކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ. އެގޮތުން ތިމާވެށްޓަށް ދެވޭ ކޮންމެ ގެއްލުމަކީ މިއަދުގެ ރައްޔިތުންނާއި އަންނާން އޮތް ޖީލުތަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މިހާރު ގެއްލިގެންދާ ވަސީލަތްތަކަކީ ދުވަހަކުވެސް އިއާދަނުކުރެވޭނެ ތަކެތި ކަމަށް އެ ބަޔާނުގައި ހަނދާންކޮށްދީފައި ވެއެވެ.




