
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާން ރޯވީ ހޯމަދުވަހުގެރޭ 23:30 ހާއިރެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ "އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދު" ގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި އެސަރަހައްދުގައި ހުރި ތަކެއްޗަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.
އަލިފާން ރޯވީ އެއާޕޯޓް ތަރައްގީކުރާ ސަރަހައްދާ ކައިރީގައި އޮންނަ ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި ހުރި ގުދަނެއްގައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑިންގީތައްވެސް އެހެލާފައި ހުރެއެވެ.
މިލަންދޫ އިން ފިޔެސް އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެންމެ ފުރަތަމަ ރޯވީ ވަރަށްފަހުން ނިންމާ ބާލަން ތައްޔާރުކޮށްފައި ހުރި ލޯންޗެއްގައެވެ. އެ ލޯންޗްގައި ރޯވެ އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި ދެ ޑިންގީގައިވެސް ރޯވިއެވެ.
އަލިފާނުގެ ހާދިސާގައި އެ ގުދަން ވަރަށް ބޮޑަށް އަނދާފައިވިޔަސް، އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ސަލާމަތްކުރެވުނު ކަމަށް ވެއެވެ. އޭގެ ތެރޭގައި ލޯންޗްގައި އަޅަން ގެނެސްފައިހުރި އިންޖީނާއި ފައިބަރު ކުރަން ބޭނުންކުރާ ސާމާނު ހިމެނެއެވެ.
އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ސަރަހައްދުން ދުރަށް ގެންގޮސް، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކުރީ އެ ރަށުގެ އާންމުންގެ ގިނަބަޔަކު ކުރި މަސައްކަތުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.




