
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، އެ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެން ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނޭ ކަމަށާ، އެފަދަ ހާލަތެއްގައި ދެން އޮންނަވާނީ ގޭގައި ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފި ނަމަ ޕާޓީ ދޫކުރައްވާ ވަޑައިގަންނަވާނަންތޯ؟ އެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީ އަކީ އެތަކެއް ގުރުބާނީތަކެއްވެގެން ވޫޖޫދުކުރި ޕާޓީއެއް ކަމަށާ، އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއްކަމާ މެދު އެއްވެސް ފަރާތަކުން ޝައްކު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ، އެ ޕާޓީން އެއްވެސް މެންބަރަކު ވަކިވުމަށް އެދިވަޑައިނުގަންނަވާ ކަމަށާ، އެމަނިކުފާނުގެ އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ގެންދިއުން ކަމަށް ވެސް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕެއިންގައި މީގެކުރިން ވިދާޅުވެފައެވެ.




