
ހުޅުމާލޭ ފަހި ފްލެޓުތަކުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ފަހި ޔޫނިއަން" އިން މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެ ޔޫނިއަންގެ އިސް ވެރިންގެ ތެރެއިން ގިނަ ބޭފުޅުން ފިޔެސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުން ރައްޔިތުންގެ އަތުން ބޮޑެތި އަގުތައް ނަގައިގެން އެރަށްރަށުގެ ރަށްވެހިކަމުން ވަކިކޮށްދޭކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ، އަދި އެއީ ހައްލުވާންޖެހޭ މައްސަލައެއް ކަމަށެވެ.
އެހެންކަމުން އެކަން ހައްލުކޮށްދެއްވުމަށް އެދި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭ (ލޯކަލް ގަވަމެންޓް އޮތޯރިޓީ) އަށް ގޮވާލާ ކަމަށް ވިދާޅުވެ ފަހި ޔޫނިއަން އިން ވިދާޅުވީ، އެކަމަށް އެދި އެލްޖީއޭ އާ އެކުގައި ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް އެ ޔޫނިއަން އިން މިހާރު ރާއްވަވަމުން އަންނަކަމަށެވެ.
ފަހި ޔޫނިއަން އިން ވިދާޅުވީ، އެ ޔޫނިއަން އިން މިހާރު ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެބޮޑު އެއް ކަމަކީ ގްރޭޓާރ މާލޭ އޭރިއާގައި ހިމެނޭ ފަހި ފްލެޓުތަކުގެ ރައްޔިތުން، އެ ފްލެޓުތަކުގެ ދަށުން މާލޭ ރަށްވެހިކަމުގައި ޖެއްސޭނެގޮތް ހެދުން ކަމަށާ، އަދި އެކަމަށް އެދެވޭ ހައްލުތަކެއް މިހާރު ލިބެމުން ވެސް އަންނަކަމަށެވެ.
އަދި، ބައެއް ރަށްރަށުގެ، ރަށު ކައުންސިލްތަކުން، އެ ރަށްރަށުގެ ރައްޔިތުން، ރަށްވެހިކަމުގެ ލިސްޓުން ވަކިކޮށްދެނީ ބޮޑެތި އަގުތައް ނަގައިގެން ކަން އެންމެބޮޑަށް ހާމަވެގެން ދިޔައީ، އެ މަސައްކަތުގެ ތެރެއިންކަމަށް ވާއިރު، އެކަން ފާހަގަވާން ފެށުމުން، އެ ޔޫނިއަން އިން ބެލި ބެލުމުން މިކަމަށް އެދި ދައްކަންޖެހޭ ފައިސާގެ ގޮތުގައި 5000 ރުފިޔާގެ އަގުތައް ނަގަމުން އަންނަ ކައުންސިލްތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށް ފަހި ޔޫނިއަން އިން މައުލޫމާތު ދެއްވިއެވެ.
ފަހި ޔޫނިއަން އިން ވިދާޅުވީ، އެކަމުގައި ރަމްޒީ އަގެއް ދައްކަންޖެހޭ ނަމަ، އެކަން އެއީ ރައްޔިތުންނަށް މާބޮޑު ތަކުލީފަކަށް ނުވެދާނެ ކަމަށާ، ނަމަވެސް ހާހުން މަތިން ފައިސާ ދައްކައިންގެން އަމިއްލަ ރަށްވެހިކަން އެހެން ރަށަކަށް ބަދަލުކުރެވޭ އުސޫލަކީ އެއްގޮތަކަށް ވެސް އެކަން އޮންނަންޖެހޭނެ ގޮތް ނޫންކަމަށް އެ ޔޫނިއަން ގަބޫލުކުރާ ކަމަށެވެ.
ފަހި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން، ފަހި ޔޫނިއަންއާ އެކު މާލޭސިޓީ ކައުންސިލުން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެސް މިކަން މާލޭ މޭޔަރުގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާނެ ކަމަށާ، އެލްޖީއޭގެ އިތުރުން އަދި ވެސް މިކަމުގައި، ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާ އެކުގައި، މި މައްސަލައަށް ހައްލު ހޯދެންދެން މަސައްކަތްތައް ކުރާނެ ކަމަށް ވެސް ފަހި ޔޫނިއަން އިން ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި، ފަހި ފްލެޓުތަކުގެ ރައްޔިތުން، މާލޭގެ ރަށްވެހިންނަށް ބަދަލުވުމަށް ހުރި ދަތިތަކާއި، އެކަންކަމުގެ ހައްލާގުޅޭގޮތުން ފަހި ޔޫނިއަން އާއެކުގައި މާލޭސިޓީ ކައުންސިލުން ގިނަ މަޝްވަރާތަކެއް ކޮށްފައި ވެއެވެ.
އެގޮތުން މާލޭގައި ރަށްވެހިވެފައިވާ ރައްޔިތުންނަށް، ރަށްވެހިވި ބޯހިޔާވަހިކަން ގެއްލޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މާލޭ ދަފްތަރުގައި ޖައްސައިދިނުމަށް މިހާރު އެ ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މާލޭސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވެވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ ދެވަނަ ރަސްމީ އާއްމު ޖަލްސާގައި އެ ހުށަހެޅުން ހުށަހަޅުއްވަމުން މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހާލަތު ދިމާކުރާގޮތުން މާލޭގައި ރަށްވެހިވެފައިވާ ބޯހިޔާވަހިކަން ގެއްލޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ، މާލޭ ދަފްތަރުގައި، އެ ރަށްވެހިން ޖައްސައިދިނުމަކީ މާލޭސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން، ބޭންކުގައި މޯގޭޖު ކޮށްފައިވާ ގެއެއްގެ ލޯނު ނުދެއްކިގެން ގެ ވިއްކާލާ ހާލަތުގައި އެ ގޭގެ ރަށްވެހިން މާލޭ ދަފްތަރުގައި ޖައްސުމަށާއި، ރިއަލްއެސްޓޭޓް ކުންފުނިތަކުން ވިއްކާ ފުލެޓު ނުވަތަ އެޕާޓުމެންޓުތަކާއި، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހިޔާ ފުލެޓާއި، ވިނަރެސް ފުލެޓު އަދި ފަހި ފުލެޓްތަކުގެ ރަށްވެހިންނަށް އެ ތަންތަނަށް ފައިސާ ނުދެއްކިގެން ތަން އަތުލަންޖެހިއްޖެ ހާލަތެއްގައި، އެތަންތަނުގައި ރަށްވެހިވެފައިވާ މާލޭގެ ރަށްވެހިން ތިބެންޖެހޭނީ ހަމަ މާލޭސިޓީ ކައުންސިލްގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ކަމަށްވާތީ، އެކަމަށްޓަކައި މާލޭގެ ދަފްތަރަށް އެމީހުން ބަދަލުކޮށްދެއްވާގޮތަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީކައުންސިލަށް ހުށަހަޅުއްވާ ކަމަށް މޭޔަރު އާދަމް އާޒިމް ބުދަ ދުވަހު ވިދާޅުވިއެވެ.
މޭޔަރުގެ އެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ތެރެއިން ތިން މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފައެވެ.
އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ އާއި، އިސްމާއިލް ހަލީމް، އަދި އިބްރާހިމް ސަމާހު އެވެ.




